ބޭރު ކުޅިވަރު

ރޮނާލްޑީނިއޯ، ކަފޫ އަދި ފީގޯ ޒިދާންގެ ޓީމަށް

ޔުނެސެފް ޗެރިޓީ މެޗެއް ކުޅެން ބްރެޒިލްގެ ރޮނާލްޑީނިއޯ އާއި ކަފޫ އަދި ލުއިސް ފީގޯ ޒައިނުއްދީން ޒިދާންގެ ޓީމުގައި ހިމަނައިފި އެވެ.
މިރޭ ކުޅޭ މެޗުގައި ޒިދާންގެ ޓީމު މެންޗެސްޓާގެ އޯލް ޓްރެފަޑަށް ނުކުންނާނީ އެކުލަބުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެކުލަވާލާފައިވާ ޓީމާ ދެކޮޅަށެވެ.

މި މެޗުގައި ބެކަމްގެ ޓީމުގެ ކޯޗަކަށް ހުންނާނީ މެންޗެސްޓާގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އެވެ. ޒިދާންގެ ޓީމުގެ ކޯޗަކީ އިޓަލީގެ އޭސީމިލާނާއި ޔުވެންޓަސް އަދި ރެއާލް މެޑްރިޑާއި ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ އެވެ.

އަޔަލޭންޑާއި އިނގިރޭސި ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ ބެކަމްގެ ޓީމުގައި ހިމެނޭ މަޝްހޫރު ކުޅުންތެރިންނަނީ އާސެނަލްގެ ކުރީގެ ކީޕަރު ޑޭވިޑް ސީމަން ސޯލް ކެމްބެލް އާއި ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޖެމައިން ކަރެގާ ޕީޓަ ކްރައުޗް އާއި ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ފިލް ނެވިލް އާއި ޕޯލް ސްކޯލްސް އާއި ނިކީ ބަޓް އައި މައިކަލް އޮވެން އާއި ރޯމާ އަށް ކުޅޭ އޭޝްލީ ކޯލް އެވެ.

މި ޓީމުން ރިއޯ ފާޑިނަންޑަށް ޖާގަ ދިން ނަމަވެސް އޭނާ ވަނީ ޖޯން ޓެރީއާ އެއް ޓީމަކަށް ކުޅެން ބޭނުންނޫން ކަމަށްބުނެ އަމިއްލައަށް ޓީމުން ވަކިވެފަ އެވެ. މި ދެ ކުޅުންތެރިންނަކީ ނަސްލީ އަރައިރުމާހެދި ވަރަށް ބޮޑު ހަސަދަވެރިކަމެއް ގެންގުޅޭ ދެ ކުޅުންތެރިންނެވެ.

ރޮނާލްޑީނިއޯ އާއި ފީގޯ އަދި ކަފޫގެ އިތުރުން ޒިދާންގެ ޓީމުން ފެންނާނެ މަޝްހޫރު މޫނުތަކަކީ ނެދަލޭންޑްސް އާއި ބާސެލޯނާގެ ކުރީގެ ފޯވަޑް ޕެޓްރިކް ކްލައިވަޓް، ރެއާލް މެޑްރިޑުގެ ކްރަލެންސް ސީޑޯފް، މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކީޕަރު އެޑްވިން ވެންޑަސާ، ފޯވަޑް ޑުވައިޑް ޔޯކް، މިޑްފީލްޑަރު އޮލޭގަނާ ޝޮލިޝަޔާ، އާސެނަލްގެ ރޮބަޓް ޕިރޭޒް، ޗެލްސީ އަށް ކުޅުނު ޖަރުމަނުގެ ކެޕްޓަން މައިކަލް ބަލަކް، ރެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ފެނާންޑޯ ހިއޭރޯ ހިމެނެ އެވެ.