ބޭރު ކުޅިވަރު

މޮޅީ އިނގިރޭސިން، ނަސީބު ރަނގަޅީ ސްޕޭން

ރަހުމަތްތެރިކަމުގެ މެޗެއްގައި ރޭ އިނގިރޭސިން އަތުން ސްޕޭން މޮޅުވި މެޗަށް ފަހު މޮޅަށް ކުޅުނީ އިނގިރޭސިން ކަމަށް ސްޕޭނުގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނެފި އެވެ.

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާނެ ރަސްމީ ބޯޅަ ރޭ ނެރުމަށްފަހު އެ ބޯޅައިން ކުޅުނު ފުރަތަމަ މެޗުގައި ރޭ ސްޕޭނަށް ލަނޑު ޖަހައިދިނީ ސަންތި ކަޒޯލާ އާއި މާރިއޯ ގަސްޕާ އެވެ.

"އަހަންނަށް ހީވަނީ އަހަރުމެންގެ ނަސީބު ވެސް ރަނގަޅީހެން. މިއީ ސްޕޭނަށް ލިބުނު ރަނގަޅު މޮޅެއް. މިއީ ފަހުރުވެރިމޮޅެއް އިނގިރޭސި ޓީމު ވަރަށް ވަރުގަދަ. ހާއްސަކޮށް އެމީހުންގެ ހުރަސްކުރާ ކޮންމެ ފަހަރަކު ވަރަށް ވަރުގަދަކަން ފެނުނު،" ޑެލްބޮސްކޭ ބުންޏެވެ.

"އަހަރުމެން ވަރަށް ރަނގަޅަށް ޑިފެންސް ކުރިން. އަދި ވަރަށް ވަރުގަދަ، ނުރައްކާތެރި ޓީމަކާ ދެކޮޅަށް އަހަރުމެންގެ ކުޅުން ރަނގަޅު،" ކޯޗު ބުންޏެވެ.

މެޗަށް ފަހު އިނގިރޭސި ކޯޗު ބުނީ ސްޕޭނަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި މެޗުގެ 70 ވަނަ މިނިޓާ ހަމައަށް ގައުމުން ބޭރުގައި ކުޅުނު މެޗެއްގައި ހިފަހައްޓާލެވުމަކީ ރަނގަޅު ނަތީޖާއެއް ކަމަށެވެ.

"މުހިންމު ވަރަށް ގިނަ ކުޅުންތެރިން ނުލައި މިއީ ރަނގަޅު ނަތީޖާއެއް. ބަލިނުވުމުގެ ރެކޯޑަކަށް ނިމުން އަންނަންވާނީ މިފަދަ މެޗަކުން،" ކޯޗު ބުންޏެވެ.