އެސްޓީއޯ

96 އެމްބިއުލާންސް ގެންނަން އެސްޓީއޯއާއި ހަވާލުކޮށްފި

Jun 10, 2021

އަތޮޅު ތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާއި ހަވާލުކޮށްފި އެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯއާ އެކު ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އެވެ.

މި އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭގައި 96 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރަންޖެހެ އެވެ.

މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ އެސްޓީއޯ އާއި ހަވާލުކޮށްގެން ގެނެވޭ އެމްބިއުލާންސްތަކާ އެކު ރަށްރަށަށް ދިމާވެފައިވާ އެމްބިއުލާންސް ނެތުމުގެ މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެސްޓީއޯ އަށް 96 އެމްބިއުލާންސް ގެންނަން ހަވާލުކޮށްފައި މިވަނީ ލަސްވެގެން ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި 29 އެމްބިއުލާންސް ރާއްޖެ ގެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިމަހުގެ ތިންވަނަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނިކޮށެވެ. އެހެންކަމުން އެސްޓީއޯއާ މިއަދު ހަވާލުކޮށްފައި މިވަނީ މިނިސްޓަރު ނަސީމު ކުރިން ވިދާޅުވި 29 އެމްބިއުލާންސްގެ އިތުރުން ގެންނަ އެމްބިއުލާންސްތަކެއް ކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އެމްބިއުލާންސާ ގުޅުންހުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިމަހުގެ ތިންވަނަ ދުވަހުގެ ރޭ މިނިސްޓަރު ނަސީމް ވިދާޅުވީ 29 އެމްބިއުލާންސް ގަންނަން މިހާރު އޯޑަރު ދީފައިވާނެ ކަމަށެވެ. އެކަމަށް ދައުލަތުގެ ބަޖެޓުން 105 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެމްބިއުލާންސް ގަންނަނީ ކޮން ގައުމަކުން ކަމެއް މިނިސްޓަރު އެރޭ ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު އޭރު އޯޑަރު ދީފައިވާ އެމްބިއުލާންސްތައް އަންނަ ޖުލައި މަހުގެ ކުރީކޮޅު ނުވަތަ މި މަހުގެ ފަހުކޮޅު ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. އޯޑަރު ދީފައިވާ އެމްބިއުލާންސްތައް ލިބުމުން ރާއްޖޭގެ އެއްވެސް ރަށެއްގައި އެމްބިއުލާންސްގެ ހިދުމަތުގައި މައްސަލައެއް ދިމާ ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ މިހާލަތުގައި ކޮވިޑްގެ ކަންކަމުގައި ބޭނުން ކުރުމަށް މާލެ ސަރަހައްދުގައި ފަސް އެމްބިއުލާންސް އެބައޮތް ކަމަށެވެ. އެއީ މިވަގުތަށް އެކަށީގެންވާ އަދަދެއް ކަމަށެވެ.

"އީއެމްއެސްގެ ތިން އެމްބިއުލާންސް، އާރްއާރްޓީގެ އެއް އެމްބިއުލާންސް، ހުޅުމާލެ ހޮސްޕިޓަލްގެ އެއް އެމްބިއުލާންސް އަދި އައިޖީއެމްއެޗްގެ އެއް ބިއުލާންސް އެބަ ބޭނުން ކުރަން. މިއީ ރަނގަޅު އަދަދެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ،" ނަސީމް ވިދާޅުވި އެވެ.