ހަބަރު

ސިއްހީ ހިދުމަތްތެރިންގެ ތަފާތު އިހުތިޖާޖެއް

ސިއްހީ ހިދުމަތުގައި ދެމިތިބި ހިދުމަތްތެރިން ތަފާތު ގޮތަަށް މިއަދު އިހުތިޖާޖެއް ކުރިއަށް ގެންގޮސްފި އެވެ.

ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތެއް ބޭނުން ވާކަން ހާމަކޮށް މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ވަރަށް ގިނަ ސިއްހީ ހިދުމަތްތެރިން ބައިވެރިވެފައި ވެއެވެ.

ސިއްހީ ހިދުމަތްތެރީން އިހުތިޖާޖެއް ކުރުމުގެ ގޮތުން މިއަދު މަސައްކަތަށް ނުކުމެފައި ވަނީ ކަޅު ކުލައިގެ ބޭންޑެއް އަޅައިގެނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސިއްހީ ހިދުމަތްތެރިން ވަނީ އިހުތިޖާޖުގައި ބައިވެރިވާކަން ހާމަކޮށް ސޯޝަލް މީޑިއާގައި ފޮޓޯއާއެކު ހާއްސަ މެސެޖެއް ވެސް ހިއްސާ ކޮށްފަ އެވެ.

އެގޮތުން "ރައްޔިތުންނަށް ހިދުމަތް ކުރުން، އަހަރެންގެ ޝަރަފު، ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތެއް އަދި އަބުރުވެެރި ދިރިއުޅުމެއް ބޭނުން،" ކަމަށް ބުނެ އެ ހިދުމަތްތެރިން ވަނީ ސޯޝަލް މީޑިއާގައި މެސެޖް ހިއްސާކޮށްފަ އެވެ. ހެލްތު މިނިސްޓްރީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރަށް ޓެގްކޮށް ކޮށްފައިވާ އެ މެސެޖު ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައި ވެއެވެ.

މި ހަރަކާތް އިންތިޒާމު ކުރި މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ބުނީ ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އަބަދުވެސް ސިއްހީ ހިދުމަތްތެރިންނަށް ލިބޭ ޝަރަފެއް ކަމަށާ ނަމަވެސް އެންމެހާ އަސާސީ ހައްގުތަކުން ސިއްހީ ހިދުމަތްތެރިން މަހުރޫމް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުރިއެރުން ލިބޭ ވަޒީފާގެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންގެ ދިރިއުޅުމަށް އަސަރުކުރާ ކަމަށް އެ ޔޫނިއަނުން ފާހަގަ ކުރެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެކަށީގެންވާ އުޖޫރައެއް ލިބިފައިނު ވާތީ ވެސް ސިއްހީ ހިދުމަތްތެރިން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އަދި ބައެއް ހޮސްޕިޓަލްތަކުގައި ހިމޭން އިހުތިޖާޖުތައް ވެސް ކުރިއަށް ގެންދިޔަ އެވެ.