މުހައްމަދު އަސްލަމް

ހަމަލާގެ ތަހުގީގަށް ވަގުތު ދޭން އަސްލަމް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދީ ވަގުތު ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފި އެވެ.

އަސްލަމް މިކަމަށް އެދިވަޑައިގެންނެވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތަށް ފަރާވެރި ވުމަށް "މެއި ހައެއް" ގެ ނަމުގައި ކޮމިޓީއެއް އެކުލަވައިލަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ރޭ ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

ހަމަލާގެ ތަހުގީގަށް ވަގުތު ދިނުމަށާއި އެއްބާރުލުން ދިނުމަށް އަސްލަމް އެދިވަޑައިގެންފައި މިވަނީ ތަހުގީގު ކުރިއަށްދާލެއް ލަސްކަމާއި ހަމަލާ އަށް ފަންޑް ކުރި މީހުން ހޯދިފައި ނުވާ ކަމަށް ބުނެ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވެސް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދާ ވަގުތެއްގަ އެވެ. ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް ގިނަ މެންބަރުން ތަކެއް ވަނީ ތަހުގީގު ކުރިއަށްދާލެއް ލަސްކަން ފާހަގަ ކޮށްފަ އެވެ.

އަސްލަމަކީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީގެ ހުރިހާ ކަމެއް ކުރަމުންދާ 241 ކޮމިޓީގެ މުގައްރިރެވެ. ކޮމިޓީގެ އިންކުއަރީއަށް ވެސް ފުރިހަމައަށް އެއްބާރުލުން ދީ ފުރިހަމައަށް ވަގުތު ދިނުމަށް ގައުމީ މަޖިލީހުގެ މެންބަރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވީ 241 ކޮމިޓީން އިންކުއަރީއެެއް ކުރިއަށް ގެންދަން ނިންމައިގެން މަޖިލީހުން ގަރާރެއް ފާސްކޮށް އަދި މައްސަލައިގެ އެންމެހާ ކަންކަން ރަނގަޅަށް ކުރިއަށް ގެންދިއުމަށް ހުރިހާ މެންބަރުން އިގުރާރުވެ މަސައްކަތް ކުރަމުން ދަނީ ހަމަލާއާ ގުޅޭ ހުރިހާ ކަމެއް ރަނގަޅަށް ބަލާށެވެ. އެހެންކަމުން ހަމަލާއާ ގުޅޭ ހުރިހާ ހަގީގަތްތަކެއް ހޯދަން މަޖިލިސް އިންކުއަރީގެ "ސްކޯޕް" އާއި "އޮބްޖެކްޓިވްސް" ގައި ހިމެނޭ ދާއިރާގެ ތެރެއިން މައްސަލަ ބަލާނެ ކަމަށެވެ. އަދި އިންކުއަރީ އަށް ފަހު އެންމެންނަށް އެނގޭ ފަދަ ގޮތަކަށް ހަމަލާއާއި ގުޅުންހުރި ހުރިހާ ކަމެއްގެ ސާފު މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް އާންމުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ އިންކުއަރީގެ މައުލޫމާތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އޭނާއަށް ހާމަ ކުރެވޭނީ ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އެގޮތުން އިންކުއަރީއާ ގުޅިގެން މިހާތަނަށް ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރަން ދެ ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ހިނގަމުންދާ ތަހުގީގެއްގެ މައުލޫމާތު ހިފަހައްޓަން ޖެހޭ މިންގަނޑެއް އޮންނާނެ ކަމަށާއި އެކަން އެމްޑީޕީގެ މެންބަރުން ގަބޫލު ކުރައްވަން ޖެހޭނެ ކަމަށެވެ.

"އެކަން އަޅުގަނޑު ހަމަ ބޭނުންވޭ ޕާޓީގެ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވަން. އަދި އަޅުގަނޑަށް ހަމަ ޔަގީން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތަހުގީގުގެ މައުލޫމާތު އާންމު ކުރެވެން މި އޮންނަނީ އާންމު ކުރެވެން އޮންނަ މިންވަރަށް ކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުން އާންމު ކުރެވެން އޮންނަ މިންވަރަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އާންމު ކުރަމުން އެބަދޭ،" ފުލުހުންގެ ތަހުގީގުގެ މައުލޫމާތު އެންމެ އެކަށީގެންވާ މިންވަރަށް ހާމަކުރަމުން ނުދާ ކަމަށް ބުނާ މީހުންނަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވި އެވެ.

އަޅުގަނޑަށް ހަމަ ޔަގީން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތަހުގީގުގެ މައުލޫމާތު އާންމު ކުރެވެން މި އޮންނަނީ އާންމު ކުރެވެން އޮންނަ މިންވަރަށްކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުން އާންމު ކުރެވެން އޮންނަ މިންވަރަށް ޕޮލިސް ސާވިސްގެ ފަރާތުން އާންމު ކުރަމުން އެބަދޭ
މުހައްމަދު އަސްލަމް | 241 ކޮމިޓީގެ މުގައްރިރު

އޭނާ ވިދާޅުވީ ތަހުގީގު ހިނގަމުންދާތީ އާންމު އުސޫލުން ހާމަ ކުރެވެން ނެތް މައުލޫމާތު ފުލުހުންގެ އިދާރާއިން 241 ކޮމިޓީގެ ބައެއް މެންބަރުންނަށް ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތަށް މައުލޫމާތު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި 241 ކޮމިޓީގެ ނައިބް މުގައްރިރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހިމެނި ވަޑައިގަންނަވާ ކަމަށެވެ.

"އެހެންކަމުން މިމައްސަލަ މިއީ ހައްސާސީ މައްސަލައެއް. މިއީ ގައުމީ މައްސަލައެއް. އަޅުގަނޑުމެން އެމްޑީޕީގެ ރައީސަށް މި ހަމަލާ ދެވިގެން ދިޔައީ. ކަން އެހެން އޮތް ކަމަށް ވިޔަސް މިއީ ގައުމީ މައްސަލަ އެއް. މިއީ މިގައުމުގެ ނެޝަނަލް ޝެކިއުރިޓީއާ ގުޅިފައިވާ މައްސަލައެއް. މިމައްސަލަ އަޅުގަނޑުމެން ބަލާ ބެލުމުގައި މިކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވާހަކަދައްކަވާ ނިންމެވުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އަސްލަމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ހަސަން ވިދާޅުވީ ކޮމިޓީގެ މުގައްރިރަކަށް އިންނަވައިގެން އަސްލަމް މަސައްކަތް ކުރައްވަމުން ގެންދަނީ ވަރަށް ހިކުމަތްތެރިކަމާއި ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށެވެ. އެހެންކަމުން އަސްލަމްގެ މަސައްކަތްތަކަށް ހަސަން ޝުކުރު ވެސް އަދާކުރެއްވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށްދާ ތަހުގީގަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ދައްކަވަމުން ގެންދަވާ ވާހަކަތައް ވެސް އަސްލަމް ގެންދަވަނީ ދޮގުކުރައްވަމުންނެވެ. އަދި ތަހުގީގާއި އިންކުއަރީއަށް ހުރަސް އެޅޭ ގޮތަށް އެފަދަ ވާހަކަ ނުދެއްކެވުމަށްވެސް އަސްލަމް ގެންދަވަނީ ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.