ޑރ. ހުސައިން ރަޝީދު ހަސަން

ޑރ. ހުސައިނަށް ރުހުން ދޭން ފާސްކޮށްފި

ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވި ޑރ. ހުސައިން ރަޝީދު ހަސަންއަށް ރުހުން ދޭން މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފި އެވެ.

ކުރިން އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. ނަމަވެސް ޑރ. ހުސައިންގެ ހިއްސާއެއް ކުންފުންޏެއްގައި އޮތުމުން އޭނާގެ ހުވައާ މެދު ސުވާލު އުފައްދަވައިފައި އެކަމުގައި ގާނޫނީ ލަަފައެއް ލިބެންދެން ރުހުން ދިނުން ކޮމެޓީން އޮތީ މަޑުޖައްސާލައިފަ އެވެ.

ނަމަވެސް ޙުސެއިންގެ ހިއްސާއެއް މިހާރު އެެއްވެސް ކުންފުންޏެއްގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ފަހުން ފޮނުވި ސިޓީއެއްގައި ވަނީ ބުނެފަ އެވެ.

ކޮމެޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު "އަވަސް" އަށް ވިދާޅުވީ ޑރ. ހުސެއިން އޭނާގެ ހިއްސާ ދޫކޮށްލައްވައިފައިވާ ކަމަށެވެ. ނަމަވެސް ހިއްސާ އޮތުމަކީ މަގާމަށް އައްޔަނުކުރުމަށް އޮތް ހުރަހެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ލަފާދެއްވާފައިވާ ކަމަށް ވެސް ފަލާހު ވިދާޅުވެ އެވެ.

އެހެންކަމުން ޑރ. ހުސެއިންއަށް ރުހުން ދިނުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. ނާޒިމްގެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ އެެވެ.

ޑރ. ހުސެއިންއަށް ރުހުން ދިނުމާ ގުޅޭ ގޮތުން ކޮމެޓީގައި ނެގި ވޯޓުގައި ފެންނަކަމަށް އަށް މެމްބަރުން ވޯޓު ދެއްވި އެވެ.

ޑރ. ހުސެއިންއަށް ރުހުން ދިނުމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.