ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މާދަމާ ކުރިއަށްދާއިރު ވޯޓްލާ މަރުކަޒުތަކުގައި ވޯޓް ނުގުނާ ވޯޓްފޮށިތައް މާލެ ގެންނަން ނިންމާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި އެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ އެވެ. އިންތިހާބުގެ ވޯޓް ނެގުން އޮންނާނީ ހެނދުނު 10 ކުން 11 އަށެވެ.
އިންތިހާބަށް ފަހު މަރުކަޒުގައި ވޯޓް ނުގުނާ ވޯޓް ފޮށިތައް މާލެ ގެނެސް ގުނަން ނިންމާފައިވާ ކަމަށް ބުނެ ބައެއް ކައުންސިލަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ މާދަމާގެ އިންތިހާބު ނިމުމުން އެ މަރުކަޒެއްގައި ވޯޓް ގުނާނެ ކަމަށެވެ. އަދި ވަގުތީ ނަތީޖާ އިއުލާނު ކުރާނެ ކަމަށެވެ.
"ވޯޓް ނުގުނާ ވޯޓް ފޮށިތައް މާލެ ގެންނަ ވާހަކައަކީ ކަނޑައެޅިގެން ދޮގެެއް. އެގާރަ ޖަހާއިރު ވޯޓް ނަގާ ނިމުމާއެކު އިރުކޮޅެއް ފަަހުން ވޯޓް ގުނާ ވޯޓްގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނެ އިނގޭތޯ،" ފުއާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވިދާޅުވީ ކައުންސިލެއް އޮތް ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގައި ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށެވެ. އައްޑޫ ސީޓީ ފިޔަވާ ކޮންމެ ރަށަކު ބަހައްޓަން ނިންމާފައިވަނީ އެއް ފޮށްޓެވެ. އައްޑޫ ސިޓީގައި ބަހައްޓާ ދެ ފޮށީގެ ތެރެއިން އެއް ފޮށި ބަހައްޓަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ. ދެވަނަ ފޮށި ބަހައްޓަނީ ހުޅުދޫއާއި މީދޫ ގުޅޭ ހިސާބުގެ ކޮންމެވެސް އެއް ސުކޫލެއްގަ އެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމާ ގުޅޭ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި ކައުންސިލަރުންނަށެވެ.
ފަސް އަހަރަށް ހޮވާ އެލްޖީއޭގެ ބޯޑުގެ މިދައުރުގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަންކުރައްވާފަ އެވެ.
އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ސިޓީ ތަކުގެ ކައުންސިލަރުންގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު އެވެ.
އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އަތޮޅު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ފަރާތުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްއާއި އެމްޑީޕީގެ ފަރާތުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. ނަމަވެސް ބަޝީރު ފޯމް ހުށަހެޅުއްވީ ގަޑި ޖެހުނު ފަހުން ކަމަށްވާތީ ނިމާލް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ބަޝީރު ވަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހައިކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ނިންމަވާފަ އެވެ.
އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން ހަތް ބޭފުޅުން ކުރިމަތިލައްވާފައިވެ އެވެ.