ދުނިޔެ

ތުރުކީން 1.2 ބިލިއަން ޑޮލަރުގެ ރަންވަޅެއް ފެނިއްޖެ

ތުރުކީ އިރުމަތީ ޕްރޮވިންސަކުން 20 ޓަނުގެ ބޮޑު ރަންވަޅެއް ފެނިއްޖެ އެވެ. ތުރުކީ އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުސްތޮފާ ވަރެންކް ވިދާޅުވި ގޮތުން އެ ވަޅުން ރަން ނަގައި ސާފު ކުރަން ފެށޭވަރު ވާނީ އަންނަ އަހަރު މެދަކާ ހިސާބުގަ އެވެ. ފެނުނު ރަންވަޅުގެ އަގަކީ 1.2 ބިލިއަން ޑޮލަރެވެ.

ޓެކްނޮލޮޖީ މިނިސްޓަރު ވިދާޅުވީ 3.5 ޓަނުގެ ރިހި ވެސް ހަމަ އެސަރަހައްދުން ފެނިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން 3.5 ޓަނުގެ ރިއްސަށް 2.8 މިލިއަން ޑޮލަރު ލިބޭނެ އެވެ.

ތުރުކީގެ މައިނިން ސެކްޓަރުގައި 13،000 މީހުން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތުރުކީން ރަނާއި މައުދަން ފެންނަމުން އަންނަ ނިސްބަތުން ވަޒީފާ އިތުރު ކުރައްވާނެ ކަމަށާއި ރަނާއި ރިހި އަދި މައުދަންގެ އެހެނިހެން ބާވަތްތައް ސާ ފުކުރުމަށްޓައި ގާއިމުކުރާ މަރުކަޒުތަކަށް މިހާރު ވެސް 500 ވަޒީފާ ބޭނުން ވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތުރުކީއަކީ މުއްސަނދި ބިމެއް ނަމަވެސް ރަންފުކެއް ވެސް އަތުނުޖެހި ދިއަ ދުވަސްތަކެއް ތަޖުރިބާކުރެވުނު ކަމަށާއި އެ ސިނާއަތަށް ވެސް މިހާރު ޒަމާނީ ޓެކްނޮލޮޖީ ބޭނުން ޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު މުސްތޮފާ ވަރެންކް ވިދާޅުވީ ތުރުކީން ރަނާއި އަގު ބޮޑު މައުދަން މީގެ ކުރިން ހޯދިފައި ނެތީ އަޅާލުން ކުޑަކަމުން ކަމަށެވެ. އޭނާ ވިދާޅުވީ ސިނާއަތަށް ވެސް އިންވެސްޓްކުރަން ޖެހޭ ކަމަށާއި ޒަމާނީ އާލާތްތައް ބޭނުން ކުރަން ފެށުމުން ތުރުކީއަކީ އަގުބޮޑު ބިމެއްކަން މިއޮތީ ސާބިތު ކުރެވިފައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުތައް ވެސް ތުރުކީން ފެނިފައި ވެއެވެ.