ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ތުރުކީއަށް ލިބުމަށް ވުރެ ގައުމީ މަސްލަހަތު މުހިންމު ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އުރުދުޣާން މިހެން މި ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓުން ތުރުކީއާ ބެހޭ ގޮތުން ނެރުނު ރިޕޯޓަކަށް ރިއާޔަތްކޮށް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
ތުރުކީއާ ބެހޭ ގޮތުން 27 ގައުމެއް ހިމެނޭ ޔޫރަޕިއަން ޔޫނިއަނުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ތުރުކީ މިހާރު އޮތް ހާލަތުން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން އަދި ދެވޭކަށް ނެތެވެ.
ތުރުކީގައި އިންސާނީ ހައްގުތައް ހުރީ ޔޫރަޕިއަން ޔޫނިއަނަށް ގަބޫލުކުރެވޭ ދަރަޖައެއްގައި ނޫން ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
މި ރިޕޯޓާ ބެހޭ ގޮތުން ދެކެލައްވާ ގޮތެއް ވިދާޅުވުމަށް ނޫސްވެރިއަކުން ސުވާލުކުރުމުން އުރުދުޣާން ވިދާޅުވީ، ތުރުކީ މިހާރު އޮތީ ޔޫރަޕިއަން ޔޫނިއަނުން ހެދިހާ ގޮތެއް ގަބޫލުކުރާ ގޮތަކަށް ނޫން ކަމަށެވެ.
އަދި ތުރުކީއަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، ޔޫރަޕިއަން ޔޫނިއަނާ ދުރުގައި އޮތުމަށް ވެސް އިޚުތިޔާރުކުރެއްވިދާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ވެސް ވަނީ ޔޫރަޕިއަން ޔޫނިއަންގެ މި ރިޕޯޓަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އުފަންވެފައި ވެސް ނެތް ތުހުމަތުތަކެއް ޔޫރަޕިއަން ޔޫނިއަނުން ވަނީ ތުރުކީގެ ބޮލުގައި އަޅުވާފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ހޯދަން ތުރުކީން އެންމެ ފުރަތަމަ ހުށަހެޅީ 1987 ގައެވެ. އޭގެ 12 އަހަރު ފަހުން ތުރުކީގެ ކެންޑިޑޭޓްކަން ގަބޫލުކުރި އެވެ.
އަދި އެއަށް ފަހު 2018 ގައި އެޕްލިކޭޝަން ފޯމް ކުރިއަށް ނުގެންދާ ގޮތަށް ނިންމައި ޔޫރަޕިއަން ޔޫނިއަނުން އެ ފޯމު ކެންސަލްކުރި އެވެ. ޔޫރަޕިއަން ޔޫނިއަނުން އެއިރުވެސް ދެއްކި އުޒުރަކީ އިންސާނީ ހައްގުތަކަށް ތުރުކީ އިހުތިރާމް ނުކުރުމެވެ.
އެއަށް ފަހުވެސް ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމަށް ތުރުކީ އެތައް ފަހަރަކު ވަނީ މަސައްކަތްކޮށްފަ އެވެ. މި މަސައްކަތުގައި 36 އަހަރު ފާއިތުވެ ދިޔައިރު ވެސް ތުރުކީއަށް އަދިވެސް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ނުދެ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ވުމުގައި ތުރުކީއަށް މެދުވެރިވާ މައްސަލަ އަކީ އިންސާނީ ހައްގުތަކެއް ނޫނެވެ. އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ބުނާހާ ގޮތެއް ތުރުކީ ނުހެދުމަކީ އެ ގައުމަށް ދިމާވާ އެންމެ ބޮޑު ހުރަހެެވެ.
ޒަމާންތައް ފާޢިރުވަމުންދާ ވަރަކަށް ތުރުކީއަށް ވާނީ މި އުނދަގޫ ބޮޑެވެ. ސަބަބަކީ އަދުގެ ދުނިޔޭގައި ތުރުކީ އަކީ އަމިއްލައަށް ބަސް ބުނެ ގޮތްފޮތް ނިންމުމުގެ ތަނަވަސްކަން ލިބިފައި އޮތް ގައުމަކަށް ވުމެވެ.
އަދި އުރުދުޣާން އަކީ ދުނިޔޭގެ ސިޔާސަޔަށް -- ނުފޫޒު ގަދަ ގައުމުތަކުން ހިންގާ ޖަރީމާތައް ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ލީޑަރަކަށް ވުމެވެ.