ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެ އެވެ.
މިރޭގެ މެޗުން ރާއްޖެ ބަލިވީ 0-5 އިންނެވެ. މިއީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗެވެ.
ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓްގައި ފެނިގެންދިޔައިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗައިނާއިން ވަނީ ދެވަނަ ލަނޑެއް ޖަހާ ރާއްޖެ އިތުރަށް ހާސްކޮށްލާފައެވެ.
ދެވަނަ ހާފްގައި ތިން ވަނަ އަދި ހަތަރުވަނަ ލަނޑު ޖެހީ ދެ މިނެޓްގެ ތެރޭގައެވެ. އެ ދެ ލަނޑަކީވެސް ދިވެހި ކުޅުންތެރިންނަށް ހެދުނު ބޮޑެތި ގޯސްތަކާއި ގުޅިގެން ތަނަވަސްވި ފުރުސަތުގައި ޗަައިނާއިން ޖެހި ދެ ގޯލެވެ.
މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޗައިނާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ފުރުތަމަ ނިކުތީ ސީރިއާއާ ދެކޮޅަށެވެ. އެ މެޗުގައި ސީރިއާ އަތުން ބަލިވީ 4-0 އިންނެވެ.
ސީރީއާ މެޗުގައި ނުކުޅެވުނު ނަމަވެސް މިރޭގެ މެޗުގައި ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ކުޅެފައެވެ. އަދި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ކޮވިޑުން ފަސޭހަވެ މެޗުގައި ބައިވެރިވެފައެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މި މަހު 15 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ނިކުންނާނެ އެވެ.