އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ އާ ލެބޯޓަރީ ބޮޑުކޮށް ހުޅުވާލައިފި

އައިޖީއެމްއެޗުގެ ލެބޯޓަރީ ކުރިންހުރި އިމާރާތް އަޕްގްރޭޑްކޮށް، ވެއިޓިން އޭރިއާގެ ޖާގަ ބޮޑު ކުރުމަށްފަހު އެ އިމާރާތް މިއަދު ހުޅުވައިފި އެވެ.

އައިޖީއެމްއެޗްގެ ލެބޯޓްރީ ބޮޑުކޮށް ވެއިޓިން އޭރިއާ ބޮޑުކުރުމުމުގެ މަސައްކަތަކީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅުކޮށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ 64 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު ޒީނަތު އަލީ ވިދާޅުވީ، އާ ލެބޯޓްރީން މިއަދު ހެނދުނު ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ލެބޯޓްރީން މިވަގުތު ދޭ ހަމައެކަނި ހިދުމަތަކީ ހުސް ބަނޑާއެކު ޓެސްޓު ހަދަންޖެހޭ މީހުންގެ ބްލަޑް ސާމްޕަލް ނެގުން އެކަނި ކަމަށް ޒީނަތު ވިދާޅުވި އެވެ.

"ލެބޯޓްރީ މިއަދު ހުޅުވިޔަސް ހުރިހާ ހިދުމަތެއް މިއަދުން މިއަދަކަށް ދޭން ނުފަށާނެ. ހިދުމަތްދޭން ބޭނުންވާ މެޝިނަރީތަކާއި އެހެންވެސް ތަކެތި އެތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އާ ލެބޯޓްރީގައި މިއަދު ހިދުމަތް ދޭނީ ހުސް ބަނޑާއެކު ޓެސްޓު ހަދަން ދާ މީހުންނަށް. އެގޮތަށް ހެދީ ހުސް ގޮހޮރާ ޓެސްޓް ހަދާ މީހުން ގިނަ ވާނެތީ،" ޒީނަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ލެބޯޓްރީއަށް މެޝިންތައް ބަދަލުކޮށް މާދަމާ ހުރިހާ ހިދުމަތެއް އެއްތަނަކުން ދޭން ފަށާނެ ކަމަށެވެ.

މިއަދު ހުޅުވި އާ ލެބޯޓްރީއާ އެކު ހިދުމަތް ހޯދާ މީހުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ އެއް ކިއުއެއްގައި ޖެހިގެން ހުރިހާ ހިދުމަތެއް ލިބޭ ގޮތް ވުމެވެ.

"ކުރިން މި އޮންނަނީ އާދައިގެ ޓެސްޓަށް ލޭދޭން ވަކި ނަންބަރެއް، ހާއްސަ ޓެސްޓުތަކަށް ވަކި ނަންބަރެއް، މިކަހަލަ ގޮތަކަށް. އެކަމަކު މިހާރު ކައުންޓަރުތައް އިތުރު. އެހެންވީމަ މިހާރު ޓެސްޓް ހަދަން އަންނަ މީހެއްނަމަ ނަގަން ޖެހޭނީ އެންމެ ނަންބަރެއް. އެ ނަންބަރުގަ ލޭ ދިނުމާ ދެންވެސް ކުރަންޖެހޭ އެހެން ކަންކަން ވެސް އިތުރު ނަންބަރެއް ނުނަގައި ޕޭޝަންޓުންނަށް ލިބޭނެ. ވަރަށް ގިނަ ވަގުތު ސަލާމަތްވާނެ މިހާރު،" ޒީނަތު ވިދާޅުވި އެވެ.

މަރާމާތުކުރުމަށްފަހު އަލަށް މިއަދު ހުޅުވި ލެބޯޓަރީގައި ލޭނަގާ 13 ކައުންޓަރު ގާއިމްކޮށްފައިވެ އެވެ. ވެއިޓިންގް އޭރިއާގެ ކެޕޭސިޓީ އަށް ބަލާއިރު އެއްފަހަރާ 80 އެއްހާ މީހުންނަށް ވެއިޓިން ސްޕޭސްގައި މަޑުކޮށްގެން ތިބެވޭނެ އެވެ.