މާލޭ ސިޓީ ކައުންސިލް

މާލޭގެ ޕާކުތައް މަރާމާތުކުރަން ހަލާތު ބަލަން ފަށައިފި

މާލޭ ސިޓީގެ ޕާކުތައް މަރާމާތުކުރުމުގެ ގޮތުން އެ ތަންތަނުގެ ހާލަތު ބަލަން ފަށައިފި އެވެ.

އެގޮތުން މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒާއި އެ ސިޓީގެ އެހެން ކައުންސިލަރުން ވަނީ ކާނިވަލުގައި ހުރި ޕާކާއި، ރަސްރަނި ބަގީޗާއާއި އަދި ޖުމްހޫރީ މައިދާނުގައި ހުންނަ ޕާކަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވައިފަ އެވެ.

ނިމިގެން ދިޔަ ސަރުކާރުން ބޮޑެތި ހޭދަތައް ކޮށްގެން ޕާކުތައް ހެދި ނަމަވެސް މި ސަރުކާރު އައުމަށްފަހު ޕާކުތަކަށް މާބޮޑަށް އަޅާނުލުމުގެ ސަބަބުން އެތަންތަން މަޑުމަޑުން ދަނީ ވީރާނާވަމުން ނެވެ. ނިމިގެން ދިޔަ ދައުރުގެ ސިޓީ ކައުންސިލްގެ ބޭފުޅުން އެތަންތަން ބަލަހައްޓަން މަސައްކަތް ނުކުރާކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައި ވެއެވެ.

"މިދިޔަ ދެ އަހަރުގެ ތެރޭގައި ނެތް އެއްވެސް ވަރަކަށް މަރާމާތެއް ކޮށްފައެއް. އަނެއްހެން ދާއިމީކޮށް ބަލަހައްޓަން ޖެހޭ ތަންތަން ބަލަހައްޓާފަ ނެތުމުގެ ސަަބަބުން ފުދޭ ވަރަަކަށް ބޮޑެތި ގެއްލުންތައް އަނެއްހެން ބުނާކަމަށް ވަންޏާ. ދެން މަރާމާތު ކުރުމަށް މިހާރު ސާވޭތަކާ އެއްޗެތި ހަދައި ނިންމައިފި" މާލޭ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް މިއަދު "އަވަސް" އަށް ވިދާޅުވި އެވެ.

ޕާކުތަކުގެ ހާލަތު ބަލައި އެ ތަންތަން މަރާމާތުކުރަމުން ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނަރީޝް ވިދާޅުވެ އެވެ.

މާލޭ ސިޓީ ކައުންސިލްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކައުންސިލްގެ މެންޑޭޓްގެ ތެރެއިން ހާއްސަ އިސްކަމެއް ދީގެން ޕާކުތައް މަރާމާތުކުރާނެ ކަމަށެވެ.