ސްޓޭޓް ބޭންކް އޮފް އިންޑިއާ

އަލިފާނުގެ ހާދިސާއަށްފަހު، އެސްބީއައި އިމާރާތް މާދަމާ ހުޅުވަނީ

ކެފޭއެއްގައި އަލިފާން ރޯވެ ގެއްލުންވި، ގަދަގޭ މުހައްމަދު ފުޅު ބިލްޑިންގައި ހިންގަމުން ދިޔަ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާދަމާ އަލުން ހިދުމަތަށް ހުޅުވާލާނެ އެވެ.

ރާއްޖޭގައި ހިދުމަތްދޭތާ ދުވަސްވީ އެއް ބޭންކް ކަަމަށްވާ އެސްބީއައި އިން ބުނީ އެ ބޭންކުގެ އޮފީސް އަލުން ހުޅުވާއިރު، އަލަށް ޑިޒައިންކޮށް ކަސްޓަމަރުންގެ ބޭނުންތަކައް ފަސޭހަވާނެހެން ހިދުމަތްތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.

އެސްބީއައި އިން ބުނީ އެ އޮފީސް އަލުން ހުޅުވާއިރު، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމާއި އާރްޓީޖީއެސް އަދި ކްލިއަރިންގެ ހިދުމަތް އެ އިމާރާތުގެ ދެވަނަ ފަންގިފިލާއިން ލިބޭނެ ކަމަށެވެ. ނަމަވެސް ލާރި ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނީ ވަގުތީގޮތުން މިހާރު ވެސް ލިބޭ ގޮތަށް ކަމަށެވެ.

އެސްބީއައި އިން ބުނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ބޭންކްގެ ހުރިހާ ހިދުމަތެއް ވެސް އެ އިމާރާތުން ލިބޭނެ ކަމަށެވެ. ބޭންކް ހުޅުވާފައި ހުންނާނީ ހޯމަ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.

ބޮޑުތަކުރު ފާނު މަގުގައި ހިންގަމުން ގެންދިޔަ "ކެފޭ ރިއޯލޯ" ގައި ހިންގި އަލިފާން ކޮންޓްރޯލުން ނެއްޓި އޮފީސް އިމާރާތެއްގެ ގޮތުގައި ހިންގަމުން ދިޔަ ގަދަގޭ މުހައްމަދު ފުޅު ބިންޑިންގައި ރޯވުމުގެ ސަބަބުން އެ އިމާރާތުގައި ހިންގި އޮފީސްތައް ބަންދު ކުރި އެވެ. މި އިމާރާތުގައި އެސްބީއައިގެ އިތުރުން އުރީދޫގެ އޮފީހެއް ވެސް ހިންގި އެވެ.