ލިބިފައިވާ މަޝްހޫރުކަމާއި މުއްސަނދިކަމުގެ ތެރެއިން ހަގީގީ ލޯބިވެރިއެއް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެންވެ އޭނާގެ ލޯބިވެރިޔަކަށް ވާން އެދޭ އަންހެން ކުދިން އެންމެ ފުރަތަމަ ޖެހެން ޖެހެނީ ކިޔޫއެއްގައި ކަމަށް ޕޯޗުގަލް އާއި ރިއަލް މެޑްރިޑްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އުމުރުން 30 އަހަރުގެ ފުޓްބޯޅަ ސުޕަސްޓާ މިހެން ބުނެފައި ވަނީ އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ޑޮކިއުމެންޓްރީ ފިލްމު "ރޮނާލްޑޯ" ގެ ޕްރޮމޯޝަނެއްގައި އިނގިރޭސި ވިލާތުގެ ޓޯކް ޝޯ "ޖޮނަތަން ރޮސް ޝޯ" ގައި ވާހަކަ ދައްކަމުންނެވެ. ރޮނާލްޑޯ ބުނީ އޭނާ އެދެނީ އޭނާގެ ލޯބިވެރިޔަކަށް ވުމަށް އަންހެނުން އެކަކު އަނެކަކާ ވާދަކުރުމަށް ކަމަށާއި އެގޮތަށް ހަދަނީ އޭގެ ތެރެއިން އެންމެ ރަނގަޅު ލޯބިވެރިޔަކީ ނުވަތަ އެންމެ ވަފާތެރިވާނެ މީހަކީ ކޮބައިތޯ ބަލައި އެ މީހަކު އިހްތިޔާރުކުރުމަށް ކަމަށެވެ.
އެގޮތުން މިހާރު ވެސް އެއް ފަހަރާ "އެތައް ބިޓުންނެއް" ގެންގުޅެމުން އަންނަ ކަމަށް ރޮނާލްޑޯ ބުންޏެވެ. މިހާރު ޑޭޓްކުރަމުން އަންނަ "ލޯބިވެރިންގެ" ތެރޭގައި ހާއްސަ މީހަކު ހުރިތޯ ރޮސް ސުވާލުކުރުމުން ރޮނާލްޑޯ ބުނީ ކަމުދާ ދެ ތިން މީހަކު އެބައުޅޭ ކަމަށާއި އެމީހުންނަށް ވެސް އެކަން އެނގޭނެ ކަމަށެވެ.
"އެކަމަކު އަހަރެން ޖެހޭނީ އޭގެ ތެރެއިން އެންމެ މޮޅީ އަދި ރަނގަޅީ ކާކުކަން ޔަގީންކޮށްލަން،" ރޮނާލްޑޯ ބުންޏެވެ.
މިގޮތަށް ވާހަކަ ދައްކަމުން ގޮސް ރޮނާލްޑޯ ބުނީ ލިބިފައިވާ މަޝްހޫރުކަމުގައި ވަފާތެރި ބައިވެރިޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އޭނާގެ ހަޔާތަށް އަންނަ ގިނަ އަންހެން ކުދިންނަކީ މަޝްހޫރުކަމާއި މުއްސަނދިކަން ފަހަތުން އަންނަ ކުދިން ކަމަށެވެ.
އެހެން ނަމަވެސް ރޮނާލްޑޯ ބުނީ އޭނާ އަކީ އަންހެން ކުދިންނަށް ކަމުދާ ކަހަލަ ރީތި ސިފަތަކެއް ލިބިފައިވާ ފިރިހެނެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަރެންގެ އިތުބާރު ބޮޑު. އަހަރެން ދިގު. އަހަރެންގެ އަމިއްލަވަންތަ ދަތްޕިލައެއް އެބަހުރި. އަހަރެންގެ ހަށިގަނޑު ވެސް ރީތި،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ މިހާރު "ސިންގަލްކޮށް" ހުއްޓަސް އޭނާ ކުރިން ރައްޓެހިވެގެން އުޅުނީ ސުޕަމޮޑެލްއެއް ކަމުގައިވާ ރަޝިއާގެ އިރީނާ ޝައިކްއާ އެވެ. މި ދެ މީހުން ރުޅިވީ ރޮނާލްޑޯގެ މަންމަ އަށް އިރީނާ ކަމުނުދާތީ ކަމަށް ބުނެވެ އެވެ.
ރޮނާލްޑޯ ކައިވެންޏެއް ކޮށްފައިނުވިޔަސް "ސިއްރު މަންމައެއް" ނުވަތަ ސަރޮގޭޓް މަދާއެއް ބޭނުންކޮށްގެން ދަރިއަކު ހޯދާފައިވެ އެވެ.