ދުނިޔެ

އަރަބި ގައުމުތަކާއެކު ގުޅުން ބަދަހިކުރާނަން: ބެނެޓް

އިޒްރޭލުގެ ބޮޑުވަޒީރުކަމަށް ނަފްތަލީ ބެނެޓް އައްޔަންކޮށްފި އެވެ. ގާނޫންހަދާ މަޖިލީހުގައި މެމްބަރުން ބަހުސްކުރުމަށް ފަހު އާސަރުކާރަށް ވޯޓްދީފައި ވަނީ 60 މެމްބަރުންނެވެ. ރުހުން ނެތްކަަށް 59 މެމްބަރުން ވޯޓްދީފައިވެ އެވެ.

ގާނޫންހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ނަފްތަލީ ބެނެޓް އެންމެ ފުރަތަމަ ވެސް އަލިއަޅުއްވާލެއްވީ އަރަބި ގައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށް ކޯލިޝަން ސަރުކާރުން ދެއްވާ އަހަންމިޔަތު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން އަރަބި ގައުމުތަކާއެކު ގުޅުން ގާތްކުރެވެން ހުރި ހުރިހާ ފުރުސަތުތަކަކަށް އިސްކަން ދެއްވާނެ ކަމަށެވެ.

އިޒްރޭލުގެ ގާނޫންހަދާ މަޖިލީހުން އާސަރުކާރަށް ރުހުންދިނުމާއެކު ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމި ތާރީހު ޖެހުނީ އެވެ. އެހެން ނަމަވެސް އާބޮޑުވަޒީރު އަލިއަޅުއްވާލެއްވެވި، އިޒްރޭލު – އަރަބި ދައުލަތްތަކުގެ އެކުވެރިކަމަށް ބަލާއިރު މިމަސައްކަތްތައް ފައްޓަވާފައި ވަނީ ނަތަންޔާހޫ ބޮޑުވަޒީރު ކަމުގަ އެވެ. އަރަބި ބައެއް ގައުމުތައް – ޔޫއޭއީ އާއި ބަހުރޭނާއި ސޫދާން އަދި މޮރޮކޯ ވެސް އިޒްރޭލާ ގުޅުން ބަދަހިކޮށްފަ އެވެ.

ނަފްތަލީ ބެނެޓްގެ ޔަމީނާ ޕާޓީއަށް ބައިއަޅާ ކޯލިޝަން ސަރުކާރުގައި ދާޚިލީ އަދި ޚާރިޖީ ގުޅުން ދަމަހައްޓަން ޚިޔާލުކުރައްވާ ގޮތް ކޮންމެވެސް ވަަރަކަށް އޭނާ ކިޔައިދެއްވި އެވެ. ބެނެޓް ވިދާޅުވި ހަމާސްއިން އިޒްރޭލަށް ހަމަލާދޭން އުޅުމަކީ ވޭންގަދަ ކަމަކަށް ވާނެ ކަމަށެވެ. ހަމާސްއިން ދޭ ކޮންމެ ހަމަލާއަކަށް ގަދަފަދަ ރައްދެއް ދެއްވާނެ ކަމަށް އޭނާ ވައުދުވެ ވަޑައިގަތެވެ.

ބެނެޓް ވިދާޅުވި ގޮތުން ނަތަންހާޔޫއަށް ފަހު ވާރުތަވެފައި ހުރި ހުރިހާ ކަމަކަށް އާސަރުކާރު ޒިންމާވާނެ ކަމަށާއި ސިޔާސަތު އެކުލަވާލައްވާނީ ބަދަހި ކޯލިޝަނަކުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ އީރާން ނިއުކްލިއާ ޑީލަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ކަމަށާއި އީރާން ނިއުކްލިއާ ބާރަކަށްވާން ދޫކޮށްނުލައްވާނެ ކަމަށެވެ.

"އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން އިޒްރޭލުން ދޫކޮށެއްނުލާނެ،" ބެނެޓް ވިދާޅުވި އެވެ. ބެނެޓް ވިދާޅުވި ގޮތުން އިޒްރޭލަށް ފުރިހަމަ މިނިވަންކަން ކަށަވަރުނުވާހާ ހިނދަކު އެއްވެސް ބަޔަކާއެކު އެއްވެސް އެގްރީމަންޓެއް ނުހައްދަވާނެ އެވެ.

އެމެރިކާއިން އީރާނާއެކު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދާކަން އެނގިވަޑައިގެން ހުންނަވައި އެމެރިކާއިން އިޒްރޭލަށް ދޭ އެހިތެރިކަމަށް ބެނެޓް ޝުކުރު އަދާކުރެއްވި އެވެ.

ބެންޖަމިން ނަތަންޔާހޫ ބެނެޓަށް ގޮންޖައްސަވައި ވިދާޅުވި ގޮތުން އީރާނާއެކު އެމެރިކާއާ ބައިވެރިން ވެފައި އޮތް ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަށް ހުރަސްއަޅުއްވައި އެމެރިކާއަށް ދެކޮޅު ހެއްދެވޭހާ ގާބިލުކަމެއް ބެނެޓްގެ ނުހުންނާނެ އެވެ.