މަސްތުވާތަކެތި

މިސްކިތުގައި ޑުރަގު ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

Jun 14, 2021

މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު ހިފަހައްޓާ، އެ މީހާ ފުލުހުންނާ ހަވާލު ކޮށްފި އެވެ.

ފުލުސް މީޑިއާއިން މިއަދު ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓްތަކަކާއެކު 24 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ހައްޔަރުކުރު މީހަކީ ވިޔަފާރިވެރިންގެ މިސްކިތް ތެރެއިން އާންމުންގެ ބަޔަކު ހުއްޓުވާ ފުލުހުންނާ ހަވާލު ކުރި މީހެކެވެ.

މިކަމާ ގުޅޭ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ހައްޔަރުކުރި އެ މީހާ ބުނެފައިވަ ނީ މިސްކިތުގެ ފާހާނާ ތެރޭގައި ފޮރުވާފައި ބެހެއްޓި މަސްތުވާތަކެތި އޭނާ އެތަނުން ނެގި ކަމަށެވެ. އެކަމަކު އެ މިސްކިތުގެ ނަމެއް އެ މީހާ ބުނެފައެއް ނުވެ އެވެ. ނަމަވެސް ވީޑިއޯގައި ވާހަކަ ދައްކާ މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެ މީހާ މަސްތުވާތަކެތި ފޮރުވާފައިވަނީ އަމީނީމަގުން މާފަންނުގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތުގެ ފާހާނާ ތެރޭގަ އެވެ.

މި މީހާ ހައްޔަރުކޮށްފައި މިވަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ފޮރުވައިގެން އެތަކެތި ބޭނުން ކުރުމާއި ވިޔަފާރިކުރަމުންދާ ކަމަށް ބުނާ މައްސަލަތަކެއް އާންމުންގެ ބަޔަކު ފެންމަތިކޮށްފައިވާ ވަގުތެއްގަ އެވެ. އެކަމަކު ފުލުހުން ބުނީ މިސްކިތްތަކުގައި އެފަދަ ކަންކަން ކުރޭތޯ ބަލައި މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް އުޅޭ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާ ކަމަށެވެ.