ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ މުވައްޒަފުން ކޮންމެ ތިން މަހަކުން ލޭ ހަދިޔާކުރަނީ

މިއަދު ފާހަގަކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޭ ހަދިޔާކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމްގެ ދަށުން ކޮންމެ ތިން މަހަކުން އެއް ފަހަރު ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާ ކުރާނެ އެވެ.

މިއަދު ބޭއްވި ޕްރޮގްރާމްގައި މާލެ، ކުޅުދުއްފުށި އަދި މަނަދޫގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ އެ ހަރަކާތުގައި ބައިވެރިވެ ލޭ ހަދިޔާކޮށްފަ އެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ހަރާކާތް މާލޭގައި ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެންނެވެ. އަދި އަތޮޅު ތެރޭގައި ލޭ ހަދިޔާ ކުރުމުގެ ކޭޕް ކުރިއަށް ގެންގޮސްފައިވަނީ އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށެވެ.

މިއަދު ފެށި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ދެ ދުވަހަށް ކުރިއަށް ދާނެ އެވެ. އެގޮތުން މި ކޭމްޕް މެދުވެރިކޮށް 70 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ މި ކޭމްޕުގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކަށް އަލިއަޅުވާލައި މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސާވިސް އާ ގުޅިގެން ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.