ޖަލުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ފާހަގަކުރެވިފައިވާތީ އެމީހުންނަށް ހާއްސަކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން މިހެން ބުނެފައި މިވަނީ ޖަލުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް މިދިޔަ ހޮނިހިރު ދުވަހު މާލެ ޖަލާއި މާފުށި ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް ގުޅިގެން ކުރިއަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ ޖަލުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ފާހަގަ ކުރެވިފައިވާ ކަމަށާއި އެފަދަ މީހުން ތިބޭނީ ޖަލުގެ އެހެން ގައިދީންނާ ވަކިކޮށްފައި ކަމަށެވެ.
"ސީދާ ހަރުކަށި ފިކުރުގެ މީހުންނަށް އަމާޒުކޮށްގެން ހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް މީގައި ކުރީގައި ނުހުރޭ،" އޮފިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންނަށް އަމާޒުކޮށްގެން ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފެށުމަށްޓަކައި ޔޫއެންއޯޑީސީ އާއި އެކު މަޝްވަރާކުރެވި ޕްރޮގްރާމްތަކެއް އެކުލަވާލުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ހަރުކަށި ފިކުރުގެ މީހުން ބޭތިއްބުމަށް ސްޕެޝަލް މެނޭޖްމަންޓް ޔުނިޓްގެ ނަމުގައި ހާއްސަ ޔުނިޓެއް މިދިޔަ ފެބްރުއަރީ ތިންވަނަ ދުވަހު ވަނީ ހުޅުވާފަ އެވެ. މާފުށި ޖަލުގައި ހަދާފައިވާ މި ޔުނިޓްގައި 50 ގޮޅި ހުރެ އެވެ. ނަމަވެސް އެތަނުގައި ތިބޭ މީހުންނަށް އެކަށީގެންވާ ގޮތަކަށް ރިހިބިލިޓޭޝަން ޕްރޮގްރާމުތައް މިހާތަނަށް ހިންގާފައެއް ނުވެ އެވެ.
މީޑިއާ އޮފިސަރު ވިދާޅުވީ ޖަލުގައި މިހާރު ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ސެޝަންތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ހުންނަނީ ޑްރަގްގެ މައްސަލަ ތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ކަމަށެވެ.
ޖަލުތަކުގައި ރިހިބިލިޓޭޝަން ސެޝަންތައް ކުރިއަށް ގެންދަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފޭސް އެކެއްގައި ޖަލުތަކުގައި ތިބޭ ގައިދީން ނަގެ ތެރެއިން މާދުކޮށް ޤުރުއާން ކިޔަވަން ނޭނގޭ މީހުންނަށް ޤުރުވާން ކިޔަވަން ދަސްކޮށްދީ ލިިޔަންކިޔަން ނޭނގޭ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދެ އެވެ. ފޭސް ދޭއްގައި ކުރިއަށް ގެންދާނީ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެކެވެ. ތިންވަނަ ފޭސްގައި ކުރިއަށް ގެންދަނީ އެކި ދާއިރާތަކުގެ އަސާސީ ފެންވަރުގެ ކޯސްތަކެކެވެ. އަދި ހަތަރު ވަނަ ފޭސްގައި ކުރިއަށް ގެންދަނީ ވަޒީފާއެއްގެ ގޮތުގައި ޖަލު ތެރޭގައި ގައިދީން ލައްވާ ތަފާތު މަސައްކަތް ކުރުވުމުގެ ޕްރޮގްރާމެކެވެ. ވަޒީފާ ހަމަޖައްސަނީ އެމީހަކާ ގުޅޭ ދާއިރާ އަކުންނެވެ. އެގޮތަށް ވަޒީފާ އަދާ ކުރާ ގައިދީންނަށް ހާއްސަ އެލަވެންސެއް ވެސް ހަމަޖައްސައިދެ އެވެ.