ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިތައް ބަނގުރޫޓްވުމުގެ ފުރުސަތު އޮތުމުން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯންތައް ދެއްކުން ހަމަސް ދުވަހަށް ފަސްކޮށްދިނުމަށް ގޮވާލައި ހުށަހެޅި ގަރާރަށް މަޖިލީހުގެ ގިނަ މެމްބަރުން ތާއިދު ކުރައްވައިފި އެވެ.
އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ހުށަހެޅުއްވި ގަރާރަށް މެމްބަރުން ތާއިދުކުރެއްވި ނަމަވެސް މޮރިޓޯރިއަމްގެ މުއްދަތު އިތުރުކޮށްފި ނަމަ ބޭންކުތަކާއި ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާނެ ކަމަށް ބުނެ މުއްދަތު އިތުރު ނުކޮށްދޭން މީގެ ދެމަސް ކުރިން މަޖިލީހުން އޮތީ ފާސްކޮށްފަ އެވެ.
ނަމަވެސް މިއަދު މަޖިލީހުގައި ގިނަ މެމްބަރުންގެ ރާގު ހުރީ މޮރިޓޯރިއަމްގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދޭށެވެ.
ގަރާރު ބަަލައިގަތުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 48 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. ގަރާރު އިތުރަށް ދިރާސާ ކުރުމަށް މިއަދު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ.
ގަރާރު ހުށަހެޅުއްވި މުމްތާޒު މިއަދު މަޖިލީހުގައި ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭނީ ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ ވަޒީފާއަށްދާ މީހުންގެ ވަޒީފާތައް ދެމެހެއްޓުމަށް އެހީތެރިވުމަށް ކަމަށެވެ. އެގޮތުން ވިޔަފާރިތައް ދެމެހެއްޓުމަށް މާލީގޮތުން މި ދަނޑިވަޅުގައި އެހީތެރިވުން ވަރަށް މުހިއްމު ކަމަށެވެ.
"ކޮވިޑްގެ ވަބާއާ ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ދައުލަތް ތަކުން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީފައިވަނީ ހާއްސަކޮށް އިގްތިސާދަށް ދިމާވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް. އެގޮތުންވެސް އެންމެ އަހައްމިއްޔަތު ކަމެއް ދިނީ ވިޔަފާރިތައް ހިމާޔަތްކުރުމަށް،" މުމްތާޒު ވިދާޅުވި އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތަަކަށް ވެސް މިއަދު ދިމާވަމުންދާ ހާލަތުން އަރައިގަތުމަށްޓަކައި ލުއިތަކެއް ދޭން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް ވިޔަފާރިތަކަށް ދިމާވި ލޮޅުންތަކުން އަރައިގަތުމަށް އެކި ޕެކޭޖުތައް ތައާރަފް ކުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހަަމަ އެގޮތަށް ރާއްޖޭގެ ސަރުކާރުން ވެސް މަސައްކަތް ކުރަމުން ދިޔައީ ހިނގަހިނގާ ހުންނަ އިގްތިސޯދެއްގެ ގޮތުގައި މިކަން ކުރެވޭތޯ. އެގޮތުން ޕެކޭޖުތަކެއް ތައާރަފް ކޮށްގެން މަސައްކަތް ކުރަމުން ދިޔައީ. އެެހެންނަމަވެސް މިއަދު އަޅުގަނޑުމެންނާ ބައްދަލުކުރި މި ހާލަތުގައި އަޅުގަނޑުމެން އެބަޖެހޭ އެ ޕެކޭޖުތައް އަލުން ތައާރަފް ވެގެން ވިޔަފާރިތަަކަށްވެސް އަދި ވަޒީފާ ގެއްލިފައި ތިބި ފަރާތްތަކަށް ވެސް އެހީތެެރިވެވޭނެ ގޮތެއް ހޯދަން." ވަހީދު ވިދާޅުވި އެވެ.
ގަރާރަށް ބަހުސްކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް މިހާރު އޮތް ހާލަތުގައިވެސް އޮތީ ސްޓްމިއުލަސް ޕެކޭޖްތައް ދިނުމުގެ ސަބަބުން ކަަމަށެވެ. އަދި ހަމަސް ދުވަހަށް މޮރިޓޯރިއަމް އިތުރުކޮށްދިނުމާ ގުޅޭގޮތުން އެމްއެމްއޭއިން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެކަަން ކުރުން މުހިއްމު ކަމަށެވެ.