ބޭރު ކުޅިވަރު

ފްރާންސަށް އެނބުރިދާން ކުޅުންތެރިން ދެކޮޅު ހަދަނީ

ފްރާންސްގެ ވެރިރަށް ޕެރިހުގެ އެތަންމިތަނުގައި ބޮމުގެ ހަމަލާތަކެއްދީ އެ ގައުމުގައި ކުއްލި ނުރައްކަތުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ފްރާންސްގެ ކުލަބުތަކަށް ކުޅޭ ގައުމުން ބޭރުގެ ކުޅުންތެރިން އެނބުރި އެ ގައުމަށް ދިއުމަށް ދެކޮޅު ހަދަން ފަށައިފި އެވެ.

މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އެވެ. ޗެލްސީން 50 މިލިއަން ޕައުންޑަށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ކުޅުންތެރިޔާ ބުނީ ފްރާންސަށްދާން އޭނާ ޖެހިލުންވާ ކަމަށެވެ.

"އަހަރެންގެ ލޯބިވެރިޔާ އައި އާއިލާގެ ބައެއް މީހުން ވެސް ތިބީ ޕެރިހުގައި. އެމީހުން އެންމެ ތިބީ ވަރަށް ދެރެވެފައި އަދި ބިރުން. އަހަންނަކަށް ނޭނގެ އަހަރެން ހަދަންވީ ގޮތެއް. އަހަރެން އެނބުރި ފްރާންސަށް ދާންވީތޯ ސުވާލު އުފެދޭ. ޕީއެސްޖީ އަށް ކުޅުމަކީ އަހަރެންގެ ވަޒީފާ. އެކަމަކު އެ ބާރު އަހަރެންގެ އަތުގައި އޮތްނަމަ އަހަރެން އެނބުރި ފްރާންސަށް ނުދާނަން،" ލުއިޒް ބުންޏެވެ.

އޭނާ މިހެން ބުނެފައިވާއިރު މި މަހުގެ 21 ގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މަލްމޯއާ ދެކޮޅަށް ޕީއެސްޖީ ނުކުންނަން ޖެހޭނެ އެވެ.

ފްރާންސަށް ދާން ދެކޮޅު ހަދަމުންދާ އަނެއް ކުޅުންތެރިއަކީ އުރުގުއޭގެ ފޯވަޑް އެޑިންސަން ކަވާނީ އެވެ. އުގުރުގުއޭގެ ގައުމީ ޓީމާއެކު މިވަގުތު ހުރި ކުޅުންތެރިޔާ އާއްމުކޮށް މިވާހަކަ ނުދެއްކި ނަމަވެސް އުގުރުއޭގެ އަލްވާރޯ ގޮންޒާލޭޒް ވަނީ ކަވާނީ ފްރާންސަށް ދާން ބޭނުންނުވާ ކަމަށް މީޑިޔާގައި ބުނެފަ އެވެ.

"ޕްރިހުގައި ދިން ހަމަލާއަކީ ފުޓްބޯޅައިގެ ހަޔާތް ހަލާކުކޮށްލާފަދަ ހަމަލާއެއް. ކަވަނީ އަހަރުމެން ގާތު ބުނެފައިވަނީ އޭނާ ޕްރާންސަށް އެނބުރި ދާކަށް ބޭނުމެއްނުވެއެ،" އަލްވާރޯ ބުންޏެވެ.

އެކަމަކު ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑްރު މާކޯ ވެރައްޓީގެ އެޖެންޓް ބުނީ ކުޅުންތެރިޔާ އެނބުރި ފްރާންސަށް ދާން ޖެހިލުން ނުވާ ކަމަށެވެ.
ފްރާންސްގައި ދިން ބޮމުގެ ހަމާލަތަކުގައި މިހާތަނަށް 121 މީހުން މަރުވެފައިވާއިރު މީގެ ތެރެއިން އެއް ހަމަލާދިނީ ޖަރުމަނާއި ފްރާންސް މެޗު ކުޅުނު ސްޓޭޑިއަމާ ވަރަށް ގާތުގަ އެވެ. މިހެންވެ ސަޕޯޓަރުންނަށް ދަނޑުން ނުނުކެވި ތިބެން ޖެހުނެވެ.

މި ހަމަލާގެ ސަބަބުން ރޭ ޔުނެސެފުން އިންތިޒާމްކުރި ކުރީގެ ކުޅުންތެރިންގެ ފުޓްބޯޅަ މެޗުގައި ފްރާންސްގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ ޒައިނުއްދީން ޒިދާން އާއި ޕެޓްރިކް ވިއޭރާ ވެސް އެންމެ ފަހު ވަގުތު ނުކުޅެ އެވެ.