އެޗްޑީއެފްސީ

ގެދޮރުވެރިޔާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"ގެދޮރުވެރިޔާ ލޯނު ސްކީމް" އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިިފި އެވެ.

މި ސްކީމްގެ ދަށުން ހަތް ލައްކަ ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ވަނީ ނިންމާފަ އެވެ. އެއީ ހަ ޕަސެންޓް އިންޓްރެސްޓްގަ އެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމްގެ ނަމުގައި ފަށާ ލޯނު ސްކީމަކީ ކުޑަ އިންސްޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށް ތައާރަފް ކުރާ ލޯނެއް ކަމަށް ސަރުކާރުން ބުނެ އެވެ. މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި ނުވަތަ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހެނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނޫންނަމަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތެވެ.

އަދި ލޯނަށް އެންމެ ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 6،000 ރުފިޔާ އަށް ވުރެ ކުޑަ އަދަދެކެވެ. 15 އަހަރަށް ބަހާލައިގެން ދައްކާނަމަ މަހަކަށް ދައްކަން ޖެހެނީ 5،907 ރުފިޔާ އެވެ. 16 އަހަރުން ނަމަ 5،680 ރުފިޔާ އެވެ. 17 އަހަރުން ނަމަ 5،482 ރުފިޔާ ދައްކަން ޖެހެ އެވެ. 18 އަހަރުން ދައްކާނަމަ މަހަކަށް ޖެހެނީ 5،307 ރުފިޔާ އެވެ. އަދި 19 އަހަރުން ދައްކާނަމަ 5،153 ރުފިޔާ އަދި 20 އަހަރުން ދައްކާނަމަ 5،015 ރުފިޔާ އެވެ.

މި ލޯނު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް އިމާރާތް ކުރުމަށް ނުވަތަ ގެ މަރާމާތު ކުރުމަށް ނޫނީ ހަދަން ފަށާފައިވާ އިމާރާތެއް ނިންމުމަށެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ އެޗްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނަށް މިހާރު ހުށަހެޅޭނެ ކަމަށެވެ. އަދި ލޯނާ ގުޅޭ މައުލޫމާތު ހޯދުމަށް ތިން ފޯނު ނަންބަރެއް ހާއްސަކޮށްފައިވާ ކަމަށެވެ. އެއީ 3000132، 3000131 އަދި 3000117 އެވެ.

"އެޗްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނަށް މިހާރު އެޕްލައިކުރުމުގެ ޕްރޮސެސް ވަނީ ހުޅުވާލެވިފައި. އެޗްޑީއެފްސީގެ ވެބްސައިޓުން ލޯންގެ އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ. ލޯނަށް އެޕްލައިކުރެވޭނެ ގޮތް މިހާރު ވަނީ ހުޅުވާލެވިފައި،" މަބުރޫކް ވިދާޅުވި އެވެ.