ވިޔަފާރި

އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Jan 15, 2015

އެސްޓީއޯގެ ޑިރެކްޓަރުގެ ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން ބުނީ ރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މިވަގުތު އެސްޓީއޯގެ ހިއްސާ ބެހިފައިވާގޮތުންނާއި އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރެވޭނީ އެއް ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އައްޔަން ކުރަންޖެހެ އެވެ.

މިހާރު އެސްޓީއޯގެ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ހ. ޓޫ ހާޓްސް، މުހައްމަދު ފަރުޝަތެވެ.

އެސްޓީއޯއިން ބުނީ މި މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން އެއީ އެދޭކަމެއް ކަމަށެވެ. އަދި ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ސަރުކާރުގެ 81.63 ޕަސެންޓާއި އާއްމުންގެ 18.37 ޕަސެންޓް ހިއްސާ އޮންނަ އެސްޓީއޯއިން 2013 ވަނަ އަހަރުގެ ފައިދާއިން ބެހުމަށް ނިންމާފައިވަނީ ހިއްސާއަކަށް 24ރ. އެވެ.