ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަކޯޒީ 2012 ގައި ދެވަނަ ދައުރަށް ކެމްޕޭން ކުރެއްވުމުގައި ގަވައިދާ ހިލާފަށް ހޭދަ ކުރައްވާފައި ވާކަން ތަހުގީގު ޓީމްތަކަށް ވަނީ ދެނެގަނެވިފަ އެވެ. ޕެރިހުގެ ކޯޓެއްގައި މިހާރު ހިނގަމުންދާ އެ މައްސަލާގައި އަންގާރަ ދުވަހު ސަކޯޒީ ވިދާޅުވިި ގޮތުން ހުއްދަ ނެތް ފައިސާއެއް އޭނާ ހޭދައެއް ނުކުރައްވަ އެވެ.
މެޖިސްޓްރޭޓް ތަހުގީގު ޓީމްތަކުން ބުނާ ގޮތުން ސަކޯޒީ ކެމްޕޭންތަކަށް 52 މިލިއަން ޑޮލަރު ހޭދަ ކުރައްވާފައި ވެއެވެ. ދައުލަތުން ހުއްދަ ދީފައި އޮންނަނީ 27.5 މިލިއަން ޑޮލަރު ހޭދަ ކުރުމަށެވެ.
ސަކޯޒީ މި އަދަދުތަކަށް އިންކާރު ކުރެއްވި ނަމަވެސް 40 އަށް ވުރެ ގިނަ ކެމްޕޭން ރެލީގައި ބައިވެރިވި ކަމަށް އިއުތިރާފުވެ ވަޑައިގެންނެވި އެވެ. ތަހުގީގު ޓީމްތަކުން ބުނަނީ ޖެހިގެން އުޅޭ މައްސަލައަކީ ކެމްޕޭން ދަތުރު ގިނަވުމަށް ވުރެ ހޭދަ ބޮޑުވުން ކަމަށެވެ.
ތަހުތީގު ޓީމްތަކަށް އެނގިފައިވާ ގޮތުން ކެމްޕޭނަށް ކަނޑައަޅާފައި އޮތް އަދަދު ހަމަވުމާ ގުޅިގެން ސަކޯޒިގެ އެކައުންޓެންޓް އޭނާއަށް އެކަން ހަނދާން ކޮށްދެއްވި އެވެ. އެހެން ނަމަވެސް ގާތުގައި އުޅުނު ބައެއްގެ އަވާގައި ޖެހިވަޑައިގެން އިދިކޮޅު ކެމްޕޭން ޓީމްތަކަށް ވުރެ ފޯރާކަން ދައްކާލެއްވީ ކަމަށް ފްރާސްގެ ނޫސްތަކުން ބުނެ އެވެ.
ސަކޯޒީ ފްރާންސްގެ ވެރިކަމަށް ފުރަތަމަ ވަޑައިގަތީ 2007 ވަނަ އަހަރު އެވެ. އޭނާ ދެވަނަ ދައުރަކަށް 2012 ގައި ކުރެއްވި މަސައްކަތްތައް ކޮޅެއްގައި ނުޖެހި ވަނީ ފެއިލްވެފަ އެވެ. އެހެން ނަަމަވެސް ކެމްޕޭން ފައިސާއިން ސަކޯޒީއާއެކު 13 މީހަކު ވަރަށް ބޮޑު ފައިދާއެއް ހޯދިކަން އެނގޭ ކަމަށް މެޖިސްޓްރޭޓުން ބުނެ އެވެ. އެގޮތުން އެއްކަމަކަށް ދެފަހަރު ފައިސާ ނެގުމާއި ނުބައި ކޯޓޭޝަންތަކަށް މަސައްކަތް ހަވާލުކުރުން ހިމެނެ އެވެ.
ފްރާންސްގެ ޕެރިހުގައި ސަކޯޒީއާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ މައްސަލާގައި ސަކޯޒީ 66، ވަނީ ކުށެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސިޔާސީ މަޝްރަހުގައި 40 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައި ވާ ކަމަށާއި ކެމްޕޭން ކުރުމަކީ ކިހިނެއް ކުރާ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދ ވިދާޅުވީ އެއްވެސް ކަމެއް އަތްދަށުން ގޮސްފައި ނުވާނެ ކަމަށެވެ.
ސަކޯޒީ ވަނީ ފަނޑިޔާރަކަށް ރިޝްވަތު ދެއްވަން އުޅުއްވި މައްސަލައެއް ސާބިތުވެ ތިން އަހަރަށް ޖަލަންލާން ހުކުމް ކޮށްފަ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ދެއަހަރު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ ސަސްޕެންޝަންގަ އެވެ. އަދި ފައިގައި ޓެގެއް އަޅުވައި އެއްއަހަރު ގޭބަންދުގައި މަޑު ކުރައްވަން ވެސް ޖެހިވަޑައިގަންނަވާނެ އެވެ.
ޝަކޯޒީއަކީ ފްރާންސްގައި ވަރަށް ނުފޫޒުގަދަ ސިޔާސީ ލީޑަރެކެވެ. ދައުލަތުގެ އިސް ފަންތީގެ އެކި މަގާމްތަކާ ގުޅުން ވަރަށް ރަނގަޅު ބޭފުޅެކެވެ. އޭނާ މިހާރު ވެސް ފްރާސްގެ ރައީސް އިމަނުއެލް މެކްރޯންއަށް ލަފަޔާއި އިރުޝާދު ދެއްވަ އެވެ.