ދުނިޔެ

ސަކޯޒީއަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް

ފްރާންސްގެ ކުރީގެ ރައީސް ނިކޮލާ ސަކޯޒީއަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މިއީ އޭނާގެ މައްޗަށް މިއަހަރު ޖަލު ހުކުމް އިއްވި ދެވަނަ ފަހަރެވެ. މިއަހަރު މާޗްގައި އޭނާއަށް ޖަލު ހުކުމެއް އިއްވާފައި ވަނީ ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒް ފައިދާ ނެންގެވިކަން ސާބިތުވެގެންނެވެ.

ސަކޯޒީ މިފަހަރު ޖަލަށްލާން ފްރާންސް ކޯޓުން ހުކުމްކުރީ 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރުމަށް ގަވާއިދާ ޚިލާފަށް ހޭދަކުރެއްވިކަން ސާބިތުވެގެންނެވެ. އެކަށީގެން ނުވާ ބޮޑެތި އަދަދުތަކުން ކެމްޕޭނަށް ޚަރަދުކުރެއްވި ނަމަވެސް ސަކޯޒީ ވަނީ އިންތިހާބުގައި ބަލިވެ ވަޑައިގެންފަ އެވެ.

ސަކޯޒީއަކީ ފްރާންސްގައި ވަރަށް މަގުބޫލް ބޭފުޅެކެވެ. އޭނާގެ މައްޗަށް ޝަރުއީ ކޯޓުތަކުން ހުކުމްކުރި ނަމަވެސް ކޮންމެ ފަހަރަކު ވެސް ބޮޑެތި ލުއިތައް ދެއްވަ އެވެ. ބަސް ގަބޫލު ކުރައްވައި ގޭގައި މަޑުކުރައްވާ ނަމަ ޖިސްމާނީ ހަށިގަނޑު ޖަލުގައި އެންމެ ދުވަހަކު ވެސް ހޭދަކުރަން ޖެހިވަޑައި ނުގަންވާ ގޮތް އޮތީ ސަކޯޒީގެ އިޚްތިޔާރަށް ދޫކޮށްލާފަ އެވެ.

މިފަހަރު އިއްވި އަހަރު ދުވަހުގެ ޖަލު ހުކުމުގައި ވެސް ލުއި ދެއްވާފައިވާ ކަމަށް ފްރާންސް ނޫސްތަކުން ބުނެ އެވެ. އެގޮތުން ޖަލުގައި ހަ މަސް ހާދަކުރެއްވުމުން ބާކީ އޮއް މުއްދަތު އޮތީ ފަސޭހަ ގޮތްތައް ހަދައިދެވޭ ގޮތަށެވެ. އެނޫން ގޮތެއްގައި ފައިގައި ޓެގް އަޅުއްވައި އަހަރު ދުވަހު ގޭގައި މަޑުކުރެވޭ ގޮތަށް ވެސް އޮތީ ހަމަޖެހިފަ އެވެ.

ސަކޯޒީއަށް ހުކުމް ކުރުމުގެ މަރުހަލާގައި ކޯޓުން އިއްވި ބަޔާނުގައި ބުނާ ގޮތުން ކެމްޕޭނަށް ޚަރަދުުރެވޭނީ ކިހާ ފައިސާއެއްކަން ސަކޯޒީއަށް އެނގިވަޑައިގަންނަވަ އެވެ. އަދި ޚަރަދު ބޮޑުވާން ފެށުމުން އޭނާގެ އެހީތެރިން އެކަން ވިސްނައި ދެއްވާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސަކޯޒީ ކުރީ ފަހަރު ޖަލަށްލާން ހުކުމްކުރީ ފަނޑިޔާރަކަށް 2014 ގައި ރިޝްވަތު ދެއްވަން އުޅުއްވި މައްސަލާގަ އެވެ. ކޯޓްގައި ހިނގަމުންދިޔަ މައްސަލައަކާ ގުޅޭ ގޮތުން އޭނާއަށް މައުލޫމާތު ދެއްވައިފި ނަމަ ފަނޑިޔާރަށް ރަނގަޅު ވަޒިފާއެއް ދެއްވާނެ ކަމަށް ސަކޯޒީ އޮތީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ސަކޯޒީއާ އޭނާގެ ވަކީލު ފޯނުން ދެއްކެވި ވާހަކަތައް ފްރާންސްގެ ފުލުހުން އަޑުއަހައި އޮތީ ރެކޯޑްކޮށްފަ އެވެ