ހަބަރު

ނަޝީދު ގެއަށް ބަދަލުކުރި ލިޔުން ފުލުހުން ދިރާސާ ކުރަން ފަށައިިފި

Nov 15, 2015
2

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލަށްލާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭ ބަންދަށް ބަދަލު ކުރި ކަމަށް ބުނާ ލިޔުން މިހާރު ފުލުހަށް ލިބިފައިވާ ކަމަށާއި އެ ލިޔުން ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެހެން ބުނި އިރު އެ ލިޔުން މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި ރާއްޖެއިން ބޭރުގެ ފޮރެންސިކް ތަހުލީލްތަކުން އެއީ ސައްހަ ލިޔުމެއް ކަމަށް ދައްކާފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވަނީ ވިދާޅުވެފަ އެވެ.

އެއީ ސައްހަ ލިޔުމެއް ނޫން ކަމަށާއި އެފަދަ ލިޔުމެއް ނުދޭ ކަމަށް ކަރެކްޝަނުން ބުނެ މައްސަލަ ޕޮލިހަށް ގެންދިއުމުން އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ވަކީލުންނާއި އަނބިކަނބަލުން ލައިލާ އަލީ ވެސް ފުލުހަށް ހާޒިރު ކުރި އެވެ.

އޭރު އެކަމަނާ ވިދާޅުވެފައި ވަނީ ފުލުހަށް އެކަމަނާ ހާޒިރު ކުރި އިރު ލިޔުން ބޭރަށް ފޮނުވާލާފައިވާ ކަމަށާއި ލިބުނުހާ އަވަހަކަށް ފުލުހުންނާ ހަވާލު ކުރާނެ ކަމަށެވެ.

"އެ ލިޔުން މިހާރު ވަނީ ފުލުހަށް ލިބިފައި. އަދި އެ ލިޔުމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި ދިރާސާ ކުރަން ފަށާއިފިން،" ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި ޖަލްސާގައި ހިސާން ވިދާޅުވީ ރައީސް ނަޝީދު ގެއަށް ބަދަލު ކުރި ކަން ބަޔާންކޮށް ކަރެކްޝަނުން ދިން ލިޔުމުގެ ފޮރެންސެކް ތަހުލީލުތައް ރާއްޖެއިން ބޭރުން ކުރިއިރު ރިޕޯޓުން ދައްކާފައި ވަނީ އެއީ ސައްހަ ލިޔުމެއްގެ ގޮތުގައި ކަމަށާއި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދެނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރައްވައި ފިޔަވަޅު އަޅަން ޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅަން ކަމަށެވެ.

ހިޝާން ވިދާޅުވީ އެ ލިޔުމާ ގުޅިގެން ކުރިން ވެސް ދެއްކި ވާހަކަ އަކީ ސައްހަ ވާހަކަ ކަމަށާއި ނަޝީދު އަނބުރާ ޖަލަށް ބަދަލު ނުކުރުމަށާއި އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.