މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

މާލޭގެ މޫނުމަތި ބަދަލު ކޮށްލަނީ

މާލޭގައި އެންމެ ބޮޑަށް ތޮއްޖެއްހޭ ސަރަހައްދުތައް އަލުން ތަރައްގީ ކޮށްގެން ހިތްފަސޭހަ ތަންތަނަށް ބަދަލުކޮށްލުމަށް ސަރުކާރުން ހަދާފައިވާ ޕްލޭން އާންމުކޮށްފި އެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ޕްލޭނިން މިނިސްޓްރީން ވަނީ އެކަމަށް ހާއްސަކޮށްފައިވާ ޕްރެޒެންޓޭޝަނެއް ހިއްސާކޮށްފަ އެވެ.

ސަރުކާރުގެ ޕްލޭންގައިވާ ގޮތުން، ނޯތު ހާބަރު ބަދަލު ކުރާނީ ގުޅިފަޅަށެވެ. އެތަނުން އެ ބަނދަރު ނެގުމަށް ފަހު މުޅި އެ ސަރަހައްދު ބަދަލު ކޮށްލަނީ ހިތްފަސޭހަ ރެކްރިއޭޝަނަލް ތަނަކަށެވެ. އެ ސަރަހައްދުގައި އޮންނަ ހޯލްސޭލް ވިޔަފާރިތައް ވެސް ބަދަލު ކުރާނީ ގުޅިފަޅަށެވެ.

ބާޒާރުމަތި ސަރަހައްދު ތަރައްގީ ކުރަނީ ފުޅާ މަގުތަކާއެކު ހިނގާ އުޅެވޭ ސަރަހައްދެއްގެ ގޮތުގަ އެވެ. އެ ސަރަހައްދުގައި އޮންނާނީ ހަމައެކަނި ޕަބްލިކް ޓްރާންސްޕޯޓު ކަމަށް ވެސް މިނިސްޓްރީގެ ޕްލޭންގައިވެ އެވެ.

މަސް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ވެސް ބަދަލުކޮށްލަން ނިންމާފައިވަނީ ޒަމާނީ މަސް މާރުކޭޓަށެވެ. މަސް މާރުކޭޓު ތަރައްގީ ކުރުމަށް ނިންމާފައި ވަނީ މިހާރު ލޯކަލް މާރުކޭޓް އޮތް ބިމުގައި ކަމަށާއި ލޯކަލް މާރުކޭޓް ތަރައްގީ ކުރަން ނިންމާފައިވަނީ ވެސްޓްޕާކް ސަރަހައްދުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ދެން އެސަރަހައްދުގައި ތަރައްގީކުރާނީ ސިނަމާއަކާއި ޕަބްލިކް ޕާކިން ސަރަހައްދަކާއި، ޕޯޓަލް އިމާރާތެއްގެ އިތުރުން ސްވިމިން ޕޫލެކެވެ.

މީގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާފައި އުޅޭވޭނެ މަގުތަކެއް ކަނޑައަޅައި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މަގުތައް ފެހި ކުރުމަށް ގިނަ އަދަދެއްގެ ގަސް އިންދަން ވެސް ވަނީ ނިންމާފަ އެވެ.

މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވެސް ޕްލޭންގައި ވަނީ ހިމަނާފަ އެވެ. އެގޮތުން މަގުތަކުގައި އަޅާފައިވާ ހޮޅިތަކާއި މަގުތަކުގެ ފެންބޮޑުވުން ފަދަ ކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުގެ ޕްލޭންގައި ވަނީ ހިމަނާފަ އެވެ. ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތާއި ޕާކިން އޭރިއާތައް ތަރައްގީކުރުން ވެސް ހިމެނެ އެވެ.

ކާނިވާ ސަރަހައްދުގައި ގިނަ އަދަދަކަށް ގަސް އިންދާ އެސަރަހައްދު ވެސް ތޮއްޖެހުން ކުޑަކުރުމަށް ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ރަސްފަންނު ސަރަހައްދު ތަރައްގީކުރާނީ "ގާޑެން ޕްލާޒާ"ގެ ނަމުގަ އެވެ. އެ ސަރަހައްދުގައި މާކެޓް ހޯލަކާއި، ކޮމިއުނިޓީ ސެންޓަރަކާއި، ރެސްޓޯރެންޓްތައް ވެސް ތަރައްގީކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެކުލަވާލައިފައިވާ ޕްލޭނަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ބައެއް ބަދަލުތައް ގެންނަ ގޮތަށް އެ ޕްލޭނަށް ތާއީދުކުރައްވާފަ އެވެ.