ޓެކްނޯލޮޖީ

މިސްޓާ ޓްރޭޝް ވީލް: އަވަދިނެތި ކުނި ހޮވުމުގައި

އެމެރިކާގެ ބަލްޓިމޯގެ ކޯރާއި ބަނދަރުމަތި ސާފުކޮށް ކުނިން ރައްކާތެރި ކުރުމަށް "މިސްޓާ ޓްރޭޝް ވީލް" ގެ ނަމުން ނަން ދެވިފައިވާ މެޝިނެއް މެދުނުކެނޑި ދަނީ މަސައްކަތް ކުރަމުންނެވެ.

އަމިއްލައަށް ކުނި ހޮވާ މި މެޝިނަށް ވަނީ ވަރަށް ބޮޑު މަގުބޫލު ކަމެއް ވެސް ލިބިފަ އެވެ. މިސްޓާ ޓްރޭޝް ވީލްގެ ސޯޝަލްމީޑިއާ އެކައުންޓްތައް ފޮލޯ ކުރާ މީހުންގެ އަދަދު ވެސް ހާހުން ގުނާލެވެ އެވެ. ގިނަ ބައެއް މިސްޓާ ވީލް ދެކިލަން ގޮސް އެއާއެކު ސެލްފީ ނެގުން ފަދަ ކަންކަން ކުރެ އެވެ.

ތިމާވެއްޓާ ރައްކާތެރި ގޮތަކަށް ތައްޔާރު ކޮށްފައިވާ މި މެޝިން އެންމެ ފުރަތަމަ އުފައްދާފައި ވަނީ 2008 ވަނަ އަހަރު ޖޯން ކެލެޓް އޭ ކިޔާ ބަލްޓިމޯގެ މީހެކެވެ.

ޖޯން ކެލެޓް އަކީ ކުރީގައި ބަލްޓިމޯގެ ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރި މީހެކެވެ. އަދި މި ސަރަހައްދުގައި މަސައްކަތް ކުރިއިރު ކުނިން ލިބޭ ގެއްލުން ބޮޑު ކަން ޖޯން އަށް ފާހަގަ ކުރެވުނެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދަން އެކި މީހުންނާ ގުޅިގެން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ޖޯން އަމިއްލަ އަށް އެކަމަށް ހައްލެއް ގެނައުމަށް އުފެއްދި މި އުފެއްދުމުގެ ފުރަތަމަ ކުރެހުން އޭނާ ކުރެހީ ޓިޝޫ ކަރުދާހެއްގަ އެވެ. އަދި މި ޑިޒައިން އިތުރަށް ފުރިހަމަކޮށް އެތައް މަސައްކަތަކާއި ތަޖުރިބާ ތަކަކަށް ފަހު މިސްޓާ ޓްރޭޝް ވީލް އުފެއްދި އެވެ.

ތަޖުރިބާ ކުރުމުގެ ގޮތުން 2014 ވަނަ އަހަރު މިސްޓާ ޓްރޭޝްވީލް އެންމެ ފުރަތަމަ ބެހެއްޓިއިރު އޭގެ ސަބަބުން އެހާ ފުރިހަމަ ނަތީޖާއެއް ފެންނާނެ ކަމަކަށް އުންމީދެއް ނުކުރެ އެވެ. ނަމަވެސް ވަގުތީ ގޮތުން އޭރު ބެހެއްޓި މެޝިނާއެކު އެ ސަރަހައްދުގެ ކުނީގެ މައްސަލަ އަށް އައި ތަފާތު ހެޔޮ ބަދަލުތަކުގެ ސަބަބުން ގިނަ ބަޔަކަށް އެކަން ފާހަގަވެ ބަލްޓިމޯގެ ކައުންސިލުން ވަނީ މިސްޓާ ޓްރެޝްވީލް އަށް ރަސްމީކޮށް މަސައްކަތް ކުރަން ފުރުސަތު ދީފަ އެވެ. އަދި މި މަސައްކަތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށް ވެސް ޖޯން ފާހަގަ ކުރެ އެވެ. މިހާތަނަށް މިސްޓާ ޓްރޭޝް ވީލް ވަނީ 1.3 މިލިއަން ކިލޯއަށް ވުރެ ގިނަ ކުނި އެއްކޮށްފަ އެވެ.

ޖޯން ބުނި ގޮތުގައި ބަލްޓިމޯގެ ހާބަރަށް އެޅޭ ކުންޏަކީ އެއް ގަމުގައި ހުންނަ ކާނު ތަކުން އޮޔާދާ ކުންޏެވެ. އަދި ކުނީގެ މި މައްސަލަ އަށް ހައްލެއް ގެނެވޭނީ މީހުން މިކަމަށް އަހުލުވެރި ކުރުވާ ކުޑަކުދިންނަށް ދުރާލާ ރަނގަޅު އާދަތައް ކިޔައިދީގެނެވެ.

މިސްޓާ ޓްރޭޝް ވީލް ފުރަތަމަ ބެހެއްޓިއިރު އޭގައި ލޮލެއް ހަރުކޮށް އެނަ މުން ނަން ކިޔާނެ ކަމަކަށް ޖޯން ހީއެއް ނުކުރެ އެވެ. ނަމަވެސް މި މެޝިން މިވަނީ އޭގައި ހަރު ކޮށްފައިވާ ލޯތަކުގެ ސަބަބުން މުހިއްމު "ޕާސަނަލިޓީ" އަކަށް ވެފަ އެވެ. ބައެއް މީހުން ދަނީ މިސްޓާ ވީލްގެ އފަންދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަމުންނެވެ. އެމެރިކާ އަދި ދުނިޔޭގެ އެކި ހިސާބު ތަކުން ވެސް މި މެޝިން ދެކިލަން މީހުން ދެއެވެ.

މީގެ އާ މެޝިން ތަކެއް މިހާރު ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބަހައްޓާފަ އެވެ. އަދި މި މެޝިންތަކަށް ވެސް މިސްޓާ ޓްރޭޝް ވީލް ގޮތަށް ނަންދެވި ލޯ ހަރު ކޮށްފައި ހުރެ އެވެ. އަދި މިއިން ކޮންމެ މެޝިނެއްގެ ސޯޝަލްމީޑިއާ އެކައުންޓްތައް ވެސް އެކްޓިވްކޮށް ކުރިއަށް ގެންދެ އެވެ. ޕްރޮފެސާ ޓްރޭޝް ވީލް، ކެޕްޓަން ޓްރޭޝްވީލް އަދި ގްވެނޑާ ދަ ގުޑް ވީލް އޮފް ދަ ވެސްޓް އަކީ މިގޮތުން މަޝްހޫރު ތިން މެޝިނެވެ.

ކުނި ހޮވާ މި މެޝިންތައް ޑިޒައިން ކޮށްފައި ވަނީ ކޯރުގެ އޮއި ބޭނުން ކޮށްގެން އޮޕަރޭޓް ކުރާ ގޮތަށެވެ. ނަމަވެސް ކޯރުގެ އޮއި ބާރު ނޫން ދުވަސްތަކުގައި މި މެޝިން އޮޕަރޭޓް ކުރުމަށް މެޝިންގެ އެތެރޭގައި ވަނީ ހާއްސަ ޕަމްޕެއް ބަަހައްޓާފަ އެވެ. އަދި މި ޕަމްޕާއި މި މެޝިނަށް ކަރަންޓު ފޯރުކޮށް ދެނީ މެޝިނުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލް ތަކުން އުފައްދާ ހަކަތައިންނެވެ. އަދ މި ޕެނެލް ތައް ބެޓެރި ތަކަކާ ގުޅާލާފައިވެ އެވެ.

މި މެޝިންގެ ކުނި ހޮވާ ސިސްޓަމަކީ ފުލް އޮޓަމޭޓެޑް ސިސްޓަމެކެވެ. މެޝިނުން ހޮވާ ކުނި ޖަމާ ކުރަނީ ފަސޭހައިން ބޭރު ކުރެވޭ ގޮތަށް ހަރުކޮށްފައިވާ ކޮންޓޭނަރަކަށެވެ. މެޝިނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށް އޭގައި އިންޓަނެޓް ކަނެކްޝަނެއް ބޭނުންކުރެ އެވެ. އަދި މޯބައިލް ޑިވައިސްއެއް ބޭނުން ކޮށްގެން މެޝިން ކޮންޓްރޯލް ކުރެވެ އެވެ.