އާމިނަތު ޝައުނާ

ދީން ބުނެދެނީ ލިބިފައިވާ އިލްމުގެ ބޭނުން ހިފުމަށް: ޝައުނާ

އިސްލާމްދީން ބުނެދެނީ ލިބިފައިވާ އިލްމުގެ ބޭނުން ހިފުމަށް ކަމަށްވާތީ ގައުމުތަކުގައި ހުރި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގެ ދަތިތަކުން އަރައިގަތުމަށް އިލްމާއި ފަންނީ ލަފައާއި ވަސީލަތްތައް ގައުމުތަކުގެ މެދުގައި ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އޯއައިސީގެ ސައިންސް އެންޑް ޓެކްނޯލޮޖީގެ ދެވަނަ ސަމިޓުގައި ތަގުރީރު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ބޮޑު ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ. ރާއްޖެއަކީ އިމްޕޯޓަށާއި ފަތުރުވެރި ކަމަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ބޭރު ގައުމުތަކާއި ދެމެދު އޮންނަ ދަތުރުފަތުރުގެ ކަންކަމަށް ބުރޫއަރާފައި ވުމާއެކުވެސް ކާބޯތަކެތެއްޗާއި އެނާޖީ ސެކިއުރިޓީއަށް އޭގެ އަސަރު ނުކުރީ ދިވެހި ސަރުކާރު އެކަމަށް ރަނގަޅަށް ތައްޔާރުވެފައި އޮތުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަކީ މުހިއްމު ކަމަކަށްވާތީ ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކާއި ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްގެންދާ ކަމަށެވެ. އަދި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަޕްޑޭޓެޑް އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމަނާފައިވާނެ ކަމަށާއި ބޭނުންވާ ވަރަށް ޓެކްނޮލޮޖިކަލް އަދި ފައިސާގެ އެހީ ލިބިއްޖެނަމަ 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭ ގޮތަށް ހިމާޔަތް ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އަތޮޅުގެ މާހައުލީ ނިޒާމުތައް ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް މުޅި އަތޮޅު ބަޔޯސްފިއާ ރިޒާވެއް ގޮތުގައި ކަނޑައަޅުއްވާނެ ކަމަށަވެ. މީހުންގެ ސިއްހަތާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ދިވެހިރާއްޖެއަށް ވަކި ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުމާއި އުފެއްދުމާއި ބޭނުންކުރުން މަނާކޮށް ތިމާވެއްޓާއި ރައްޓެހި ތަކެތި ޕްރޮމޯޓް ކުރުމުގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒު ކުރަން ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދެހާސްތިރީސް ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެ ނެޓު ޒީރޯ ގައުމަކަށް ހެދުމަށްޓަކައި ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށުގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ނެޝަނަލް ރިޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގައިވާ ގޮތަށް ގަވާމަންޓް ޓެކްނޯލޮޖީ އޭޖެންސީއެއް ގާއިމު ކުރެވި ޑިޖިޓަލް ނޭޝަނަލް އައިޑެންޓިޓީވެސް ތައާރަފުކުރެވިގެން ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ އަހަރުގެ އަމާޒަކީ ސަރުކާރުން ދޭ ހިދުމަތްތަކާއި ސިއްހީ ގިނަ ހިދުމަތުމްތައް އޮންލައިންކޮށް ލިބިގަނެވޭނެ ގޮތްތައް ހަމަޖެއްސުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމްދީން ބުނެދެނީ ލިބިފައިވާ އިލްމުގެ ބޭނުން ހިފުމަށް ކަމަށްވާތީ ގައުމުތަކުގައި ހުރި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގެ ދަތިތަކުން އަރައިގަތުމަށް އިލްމާއި ފަންނީ ލަފައާއި ވަސީލަތްތައް ގައުމުތަކުގެ މެދުގައި ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރާއްޖެއިން އޯއައިސީގެ މެމްބަރު ގައުމަކަށްވީ 1976 ވަނަ އަހަރުއެވެ.