އެޗްޑީސީ

"ސީލައިފް އެއްބަސްވުން ބާތިލުކުރީ ތަކުރާރުކޮށް ހީލަތް ހެދުމުން"

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އާއި ދެމެދު ހެދި އެއްބަސްވުން ބާތިލުކުރީ އެ ކުންފުނިން ތަކުރާރުކޮށް ރައްޔިތުންނަށް މަކަރާ ހީލަތުން އޮޅުވައިލުމުގެ ސަބަބުން ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސީލައިފާއެކު ހެދި އެއްބަސްވުން ބާތިލުކުރީ އެ ކޯޕަރޭޝަންގެ އިހުމާލެއް އޮވެގެން ނޫން ކަމަށެވެ.

ކަން ހިނގައިދިޔަ ގޮތް ކިޔައި ދެމުން އެޗްޑީސީ އިން ބުނީ ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފާއެކުވި އެއްބަސްވުން އެންމެ ފުރަތަމަ ބާތިލު ކުރީ އެ ކުންފުނިން އެއްބަސްވުމާ ހިލާފުވުމުން ކަމަށެވެ. އެއީ 2015 ވަނަ އަހަރެވެ.

ފުރަތަމަ ފަހަރަށް އެއްބަސްވުން ބާތިލު ކުރުމުން ސީލައިފްގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ކޯޓުން ހުކުމް ކުރީ އެޗްޑީސީ އިން އެއްބަސްވުން ބާތިލު ކޮށްފައި ވަނީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަ މަނުކޮށް ކަމަށެވެ. އެހެން ކަމުން އެ އެއްބަސްވުން އަނެއްކާ ވެސް އިއާދަކުރި އެވެ.

އެވްޑީސީގެ ބަޔާނުގައި ބުނީ އެއާއެކު ސީލައިފަށް ދީފައިވާ މުއްދަތުގެ ތެރޭގައި މަޝްރޫއު ނިންމުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ދިން ކަމަށާއި ނަމަވެސް އަނެއްކާވެސް އެއްބަސްވުމާ ހިލާފުވި ކަމަށެވެ. އެހެންކަމުން އޮކްޓޯބަރު 25، 2018 ގައި އެއްބަސްވުން ބާތިލު ކުރީ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސީލައިފް ގްލޯބަލް އިން ވަނީ އެޗްޑީސީއަށް އޮޅުވާލައި ނާޖައިޒު ފައިދާއެއް ހޯދުމުގެ ބޭނުމުގައި ބައިނަލްއަގްވާމީ ބޭންކެއްގެ ނަން މަތީގައި ފޯޖު ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅާފަ އެވެ. އަދި އެ ބޭންކުން އެ ކޯޕަރޭޝަނަށް ވަނީ އެކަން އެންގާފަ އެވެ.

އެޗްޑީސީ އިން ބުނީ އެއްބަސްވުމާ ހިލާފަށް ސީލައިފުން އެތައް ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ ނަގާފައިވާ ކަމަށާއި، އެ މުއާމަލާތާއި ގުޅިގެން ބަދަލު ހޯދަން އެދުނު 395 މީހުނަށް ހަރަދުކުރަން ޖެހުނު ފައިސާ އަނބުރާ ހޯދަން ސީލައިގް ކުންފުންޏަށާއި އެކުންފުނީގެ އެމްޑީ އަހުމަދު މޫސާ އަދި ހިއްސާ ދާރުންގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަސްލަހަތު އޮތް މައްސަލައެއް ކަމަށްވާތީ އެތައް ފުރުސަތެއް އެ ކުންފުންޏަށް ދިން ނަމަވެސް ތަކުރާރުކޮށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އެ މައްސަލައިގައި އެޗްޑީސީގެ އެއްވެސް އިހުމާލެއް ނޯންނާނެ ކަމަށެވެ.

ސީލައިފްގެ އެމްޑީ އަހުމަދު މޫސާގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާއެއް އުފުލާފަ އެވެ. އޭނާ ވަނީ ހުރިހާ ދައުވާއަކަށް އިންކާރުކޮށް އެއްބަސްވުމާ ހިލާފުވީ އެޗްޑީސީ ކަމަށް ބުނެފަ އެވެ.

އޭނާ ބުނެފައި ވަނީ ބެންކަން ހުށަހެޅި ފޯޖު ޑޮކިއުމެންޓަކީ އިންވެސްޓަރަކު ހުށަހެޅި ޑޮކިއުމެންޓެއް ކަމަށެވެ. ސީލައިފުން އެއްވެސް ފަރާތަކަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ އޭނާގެ ބަންދު މުރާޖައާ ކުރުމުގެ ޝަރީއަތެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ. އެންމެ ފަހުގެ މަޖިލީހުގައި އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ. އެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.