ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އަންމަޓީ ބަންދުން ދޫކޮށްލާފައި ވަނީ ދެ ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ ޝަރީއަތް ނިމެންދެން މާލެއިން ބޭރަށް ނުދިއުމާއި އަދި ރާއްޖޭއިން ބޭރަށް ފުރައިގެން ނުދިއުމަށެވެ. މި ނިންމުން މުރާޖައާ ކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާ ކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އަންމަޓީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ މެދު އެ އޮފީހުން ހިތްހަމަނުޖެހޭތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށެވެ.
މި މައްސަލާގައި މިއަދު ހެނދުނު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އަންމަޓީ ބަންދުގައި ބެހެއްޓުމަށެވެ. ސަބަބުތަކުގެ ގޮތުގައި ފާހަގަކުރީ މާޒީގައި ވެސް ޝަރީއަތަށް ހާޒިރުވެފައި ނުވާތީ އާއި ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމާއި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމުންނެވެ. މީގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ދައުލަތުގެ ވަކީލް ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް އަންމަޓީގެ ފަރާތުން ބުނީ އޭނާ ހެއްކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި އަދި ޝަރީއަތަށް ނުފިލާނެ ކަމަށެވެ. އޭނާ ލަންކާގައި ހުރިއިރު ވެސް ޝަރީއަތަށް ފިލާފައި ނުވާނެ ކަމަށާއި އޭރުވެސް އައީ ތަހުގީގަށް އެއްބާރުލުން ދެމުން ކަމަށެވެ. އަދި އޭނާގެ ބަލި ހާލަތު ހުރި ގޮތުން ބަންދުކުރުމަށް ކޮށްފައިވާ އަމުރަށް ލުޔެއް ދިނުމަށް ވަނީ އެދިފަ އެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ހަސަން ސައީދު ނިންމެވީ އަންމަޓީގެ ބަންދަށް ލުއި ދިނުމަށެވެ. މި މައްސަލައަކީ އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދެން ޝަރީއަތް ކުރިއަށް ގެންދާނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް އެއް މަޖިލީހަކަށް ހާޒިރުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.