ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އާ ވީއައިޕީ ޓާމިނަލްގެ މަސައްކަތް ނިމި ހުޅުވަނީ

Jun 17, 2021
2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކޮށްފައިވާ އާ ވީއައިޕީ ޓާމިނަލްގެ މަސައްކަތް ނިމި، ހުޅުވަން ތައްޔާރު ވާން ފަށައިފި އެވެ.

އެއާޕޯޓް ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން ތަރައްގީ ކުރަން ފެށި އާ ވީއައިޕީ ޓާމިނަލްގެ ހުރިހާ މަސައްކަތް ތަކެއް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. މިހާރު ކުރި އަށް ދަނީ ހުޅުވަން ތައްޔާރު ވުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ކުރުމުގެ މަސައްކަތް ތަކެވެ.

ކުރިން ވީއައިޕީ ޓާމިނަލް ހުޅުވަން ނިންމާފައި އޮތީ މި މަހުގެ ފަހުކޮޅު އެވެ. ނަމަވެސް މިތަން އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އިތުރު ކުދިކުދި މަސައްކަތް ދަނީ މިހާރު ވެސް ކުރަމުންނެވެ.

ވީއައިއޭގައި އާ ވީއައިޕީ އިމާރާތް ހަދަނީ މިހާރު ވެސް އެއާޕޯޓުގައި ހުރި ވީއައިޕީ އިމާރާތުގެ ފަހަތުގަ އެވެ. އަދި މިތަން ތައްޔާރު ކުރަމުން ދަނީ އެއާޕޯޓުގެ ގިނަ މަސައްކަތް ތަކެއް ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. ކުރިން އެކުއާ ރެސްޓޯރަންޓް ހަދާފައި ހުރި ތަނުގައި ހަދާ އެތަން ފަރުމާ ކޮށްފައި ވަނީ ރާއްޖޭގެ ބައެއް ރިސޯޓްތަކާއި އެހެން ވެސް ބޮޑެތި މޯލްތައް ޑިޒައިން ކޮށްފައިވާ ޔޫޖީ ޔަމަޒަކީ އާކިޓެކްޗާ ޕީއެލްއެލްސީންނެވެ. ޔަމަޒަކީ ކުޑަދޫ އާއި ހުރަވަޅި ރިސޯޓު ފަދަ ގިނަ ރިސޯޓު ތަކެއް ފަރުމާ ކޮށްފައިވާ ތަޖުރިބާކާރެކެވެ.

ހަތަރު ބުރިއަށް ހަދާ މި އިމާރާތުގައި އޯޕަން އޭރިއާގެ ބަދަލުގައި އެކަނި ތިބެން ބޭނުންވާ ޓޫރިސްޓުންނަށް ވަކިން ކެބިންތަކާއި ޗެކިން ކައުންޓަރުތައް ވެސް ހުރެ އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ އަޅާފަ އެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އަދި ސައޫދީ ބިންލާދިން ކުންފުންޏަށް އާ ޕެސެންޖަރު ޓާމިނަލް އަޅަން ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ވަނީ ބޮޑުބައި ނިންމާފަ އެވެ.

މި ހިދުމަތްތަކުގެ އިތުރުން ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް އަޅާފައިވެ އެވެ. މި އަގުބޮޑު އިމާރާތް ނިންމިތާ ދެ އަހަރުވާން ކައިރިވާއިރު ވެސް މިތަން ހުޅުވިފައެއް ނުވެ އެވެ. އާ ސީ ޕްލޭން ޓާމިނަލްގެ މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ބީޔޫސީޖީ އިންނެވެ.