މިފްކޯ

މިފްކޯގެ ސީއެފްއޯއަކަށް ދިވެއްސެއް ހޯދަނީ

Jun 17, 2021

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އެއް ހޯދަން އިއުލާނު ކޮށްފި އެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ މާލީ ކަންތައްތައް ބަލަހައްޓާ އެންމެ އިސް މަގާމު ކަމަށްވާ ސީއެފްއޯގެ މަގާމަށް ބޭނުން ވަނީ ދިވެއްސެއް ކަމަށެވެ.

ދެ އަހަރު ދުވަހުން އެއްބަސްވުން އާ ކުރާ ގޮތަށް ނަގާ ސީއެފްއޯގެ މަގާމަށް ނަގާ މީހަކީ އެކައުންޓިން އެންޑް ފައިނޭންސިން އިން ބެޗްލާސް ޑިގްރީ ފުރިހަމަ ކޮށްފައިވާ މީހަކަށްވުން ލާޒިމް އެވެ.

މާލީ ގޮތުން މައްސަލަތަކެއްގެ ތެރޭގައި އޮތް މިފްކޯއަށް ސީއެފްއޯއެއް ހޯދާއިރު، އެ ކުންފުނިން ދަނީ ބޮޑެތި އިންވެސްޓްމަންޓް ތަކެއް ހަދަން ތައްޔާރު ވަމުންނެވެ. ސައޫދީ ފަންޑާއި އިންޑިއަން އެގްޒިމް ބޭންކުގެ އެހީގައި ކޫއްޑޫ އާއި ފެލިވަރު އަދި ކަނޑިއޮތް ގިތި ތަރައްގީ ކުރަން ޕޭޕަރު ވޯކް ދަނީ ހަދަމުންނެވެ. މި މަޝްރޫއުގެ އަގު 30 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.