ބޮލީވުޑް

ރީތި ބަތަލާއިންނާއެކު ފިލްމު ކުޅުނަސް އަނިލްގެ ހިތް ސުނީތާއަށް

ހިންދީ ފިލްމު ކުޅޭ ގިނަ ބަތަލުންނާއި ބަތަލާއިންގެ ލޯބީގެ ވާހަކަތައް އަބަދުވެސް އިންޑިޔާގެ މީޑިއާތަކުން ފަތުރަ އެވެ. ނަމަވެސް ބޮލީވުޑްގައި އެތައް ޒަމާނަކުއްސުރެ ފިލްމު ކުޅެމުން އަންނަ އަނިލް ކަޕޫރުގެ މި ކަހަލަ އެއްވެސް ވާހަކައެއް އެއްވެސް މީޑިއާ އަކުން މިހާތަނަށް ފަތުރާފައެއް ނުވެ އެވެ. ސަބަބަކީ އަނިލްގެ ހިތް އޭނާގެ އަންހެނުން ސުނީތާ އަށް ނޫން މީހަކަށް ދެވިފައި ނުވާތީ އެވެ.

ބޮލީވުޑުގައި މަސައްކަތްކުރާ އެންމެ ރީތި ބަތަލާއިންނާއެކު އަނިލް ވަނީ ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. ނަމަވެސް އެއިން އެއްވެސް ބަތަލާއަކަށް ނުނިޔަތެއްގައި ވެސް އޭނާ ބަލައެއް ނުލަ އެވެ. އަންހެނުން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އަނިލް އާއި ސުނީތާ ވަނީ އެމީހުންގެ ކައިވެންޏަށް 36 އަހަރު ފުރުން ފާހަގަ ކޮށްފަ އެވެ. އެމީހުން ކައިވެނިކޮށްފައިވަނީ ވެސް 11 އަހަރު ވަންދެން ލޯބިވެގެން އުޅެފަ އެވެ.

"ހިއުމަންސް އޮފް ބޮމްބޭ" އަށް 2018 ގައި އަނިލް ދީފައިވާ އިންޓަވިއު އެއްގައި އޭނާ އާއި ސުނީތާގެ ލޯބީގެ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ.

އަނިލް ބުނި ގޮތުގައި ސުނީތާ އާ ފުރަތަމަ ބައްދަލުވީ އެކުވެރިއެއްގެ އެހީތެރިކަމާ އެކުގަ އެވެ. އަނިލްގެ އެކުވެރިއަކު އޭނާއަށް ޖެއްސުމަށް އަނިލްގެ ނަންބަރު ސުނިތާ އަށް ދިނީ އެވެ. މަޖަލަކަށް އަނިލްއަށް ގުޅައިގެން ޖެއްސުން ކުރުމުގެ ނިޔަތުގަ އެވެ.

ސުނީތާގެ އަޑު ޖެހުނު ފުރަތަމަ ފަހަރު ވެސް އެ އަޑު ދެކެ އޭނާއަށް ލޯބި ވެވުނުކަމަށް އަނިލް ބުންޏެވެ. އޭގެ ފަހުން އެމީހުން ޕާޓީއަކުން ބައްދަލުވި އެވެ. ފުރަތަމަ ބައްދަލުވުމުން ވެސް އޭނާ ގަޔާވާ ގިނަ ސިފަތަކެއް ސުނީތާގެ ކިބައިން އަނިލް އަށް ފާހަގަވި އެވެ. ފުރަތަމަ ދެމީހުން ވެސް ވާހަކަ ދެއްކީ އެކުވެރިންގެ ގޮތުގަ އެވެ. އަނިލް ސުނީތާ ކައިރީގައި ދެއްކީ އޭނާ ގަޔާވާ ކޮންމެވެސް އެހެން އަންހެންކުއްޖެއްގެ ވާހަކަ އެވެ. ނަމަވެސް އެ ކުއްޖާ ކުއްލިއަކަށް އަނިލް އަށް ގެއްލުމުން އޭނާގެ ހިތް ހަލާކުވި އެވެ. މި ހާދިސާ ވެގެން ދިޔައީ އަނިލް އާއި ސުނީތާގެ ގުޅުން ބަދަހިވާން މެދުވެރިވީ ކަމަކަށެވެ.

އެމީހުން އޭރުއްސުރެ އުޅުނީ އެކުގަ އެވެ. ނަމަވެސް އޭނާގެ ލޯބިވެރިޔާއަށް ވާން އަނިލް އެއް ސުނީތާގެ ކައިރިއަކުން ނޭދެ އެވެ.
ބޮލީވުޑު ކެރިއަރަށް ބިނާކުރަން އަނިލްކުރި ބުރަ މަސައްކަތުގައި އޭނާއަށް އެންމެ ހިތްވަރު ދިނީ ސުނީތާ އެވެ. އެންމެ ފަހުން 1985 ގައި އަނިލްއަށް ބޮލީވުޑުން ރަނގަޅު ފެށުމެއް ލިބުނެވެ. އެއީ އެ އަހަރު ރިލީޒްކުރި "މޭރީ ޖަންގް" އިންނެވެ.

އެ ފިލްމު ކުޅެން އޭނާއަށް ލިބުނީ 1984 ގެ މޭ 17 ގައެވެ. ޖެހިގެން އައި ދުވަހު އޭނާ ސުނީތާއަށް ކައިވެނީގެ ދައުވަތު ދިނެވެ. އަދި އޭގެ އަނެއް ދުވަހު ކައިވެނި ކުރި އެވެ.

އަނިލް ބުނި ގޮތުގައި އޭގެ ކުރިން ސުނީތާ އާ ކައިވެނި ނުކުރީ ސުނީތާ އޭނާ ކައިރީގައި ބުނެފައިވާ ވާހަކަ ތަކަކުންނެވެ.

"ސުނީތާ ބުނި ކައިވެންޏަށް ފަހު ވެސް ބަދިގެއަށް ވަދެ ކައްކާކަށް ނޫޅެވޭނޭ. އެހެންވެ "މޭރީ ޖަންގް" ލިބި ފައިސާ އަތަށް އެރުމުން ސުނީތާ ބަދިގެއަށް ނުވައްދާ ވެސް އޭނާ ގޮވައިގެން އުޅެވިދާނެކަން ޔަގީންވުމުން ކައިވެންޏަށް އެހީ،" އަނިލް ބުންޏެވެ.

ކައިވެންޏަށް އެހި ދުވަސް ނޫން އަނެއް ދުވަހު ކައިވެނިކުރީ ވެސް ސުނީތާގެ ނިންމުމުގެ މަތިންނެވެ.

"ސުނީތާ ބުނި ކައިވެނި ކުރަންޏާ މާދަމާ ކުރާށޭ. ނޫނީ ދުވަހަކު ވެސް ނުކުރާނަމޭ، އެހެންވެ އަވަސް އަރުވާލައިގެން ޖެހިގެން އައި ދުވަހު ކައިވެނި ކުރީ،" އަނިލް ބުންޏެވެ.

މި ދެ މީހުންގެ ހަނީމޫނުގެ ވާހަކަ ވެސް އެހާ މަޖަލެވެ. ކައިވެނިކުރި ދުވަސްވަރަކީ "މޭރީ ޖަންގް" ޝޫޓިންގްގައި އަނިލް އެންމެ ބިޒީކޮށް އުޅުނު ދުވަސްވަރެވެ. އެހެންވެ އޭނާއަށް އެއްގޮތަކަށް ވެސް ހަނީމޫނަށް ދެވޭނެ ގޮތެއް ނުވި އެވެ. އެހެންވެ ހަނީމޫނަށް ބޭރު ގައުމަކަށް ސުނީތާ އެކަނި މާއެކަނި ދިޔަ ކަމަށް އަނިލް ބުންޏެވެ.

އަނިލް އާއި ސުނީތާއަށް ތިން ދަރިން ލިބިފައި ވެއެވެ. އެންމެ ދޮށީ ސޯނަމް އެވެ. ދެން ރިއާ އެވެ. އެންމެ ހަގީ ފިރިހެންދަރިފުޅު ހަރްޝްވަރްދަން އެވެ.

އެހެނިހެން ދެމަފިރިން ފަދައިން އެމީހުންގެ ކައިވެނީގައި ވެސް އަޑިގަޑުތަކާއި އުސްގަޑުތައް އާދެ އެވެ. ނަމަވެސް މިހުރިހާ ކަމަކާ ދެ މީހުން ކުރިމަތިލަނީ ސާބިތުކަމާއެކު ގުޅިގެންނެވެ.

އަނިލް ގަބޫލުކުރާ ގޮތުގައި އަދިވެސް އޭނާ އުޅެނީ ސުނީތާ އާ ރައްޓެހިވެގެންނެވެ. ހަގީގަތުގައި އެމީހުން މިހާރު ވެސް އުޅެނީ ދެ ލޯބިވެރިން އުޅޭ ގޮތަށެވެ. ރޮމެންޓިކް ޑިނާތަކަށް ދިއުމާއި ޗުއްޓީގައި ތަންތަނަށް ގޮސްލާ ހެދުމަކީ އެމީހުންގެ އާދައެކެވެ.

ސުނީތާ އާއި އަނިލް އެކުގައި އުޅޭތާ 46 އަހަރު ފުރިފައިވާއިރު އެމީހުންގެ ކައިވެނީގެ އުފާވެރިކަމުގެ ސިއްރު ވެސް އަނިލް ބުނެދިނެވެ. އެއީ ދެ މީހުން އެކަކު އަނެކަކީ ލޯބިވެރިންގެ ގޮތުގައި އަދި ގާތް ދެ އެކުވެރިންގެ ގޮތުގައި ދެކޭތީ އެވެ.