މޫސާ ޒަމީރު

އެމްޓީޑީސީއަކީ ހިއްސާދާރުންނަށް ފައިދާ ލިބޭ ކުންފުންޏަކަށް ހަދާނަން: ޒަމީރު

ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަކީ ހިއްސާދާރުންނަށް ފައިދާހުރި ކުންފުންޏަކަށް ހަދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަޖެޓު ކޮމެޓީގައި ޖަވާބުދާރީވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ ޓޫރިޒަމް ތަރައްގީ ކުރަން ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކުންފުނިން ގެއްލުން ދިޔަނަމަވެސް، އެ ކުންފުންޏަކީ ހިއްސާދާރުންނަށް ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށެވެ.

"އޭރުގައި ޓޫރިޒަމް ޕޮލިސީ އޮތް ގޮތައް ބަލާއިރު ވަރަށް ހެޕީ ޑިވިޑެންޓްވެސް ދެވިފައިވަނީ. އަޅުގަނޑަކަށް ހީވަނީ އޭރުގައި ހިއްސާ ބައްލަވައިގަތް އެއްވެސް ބޭފުޅެއްގެ ހިއްސާ ރިޔަވާ ވެފައެއް ނޯންނާނެ ހެން،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ ފަހުން އައި ސަރުކާރުތަކުން ކުލި ނަގާ ބަދަލުތަކަށް ގެނައި އުސޫލުތަކުގެ ސަބަބުން އެމްޓީޑީސީ ފަންގްޝަނަލް މޮޑެލް ބަދަލު އައިސްފައިވާ ކަމަށެވެ.

"ފަންގްޝަން ނުކުރަނީ ކުލި ނަގާ އުސޫލަށް ބަދަލު ގެނައުމުން. މިހާރު މިދަނީ އެ ކުންފުނި ކުރިއަށް ވިޔަފާރި ގެންދާނެ ގޮތުގެ ރިވިއުއެއް ކުރަމުން. އެހެންވެ ކުރިއަށް އޮތްތަނުގައި ކުންފުނީގެ ބިޒްނަސް މޮޑެލް ބަދަލު ކޮށްގެން ގެންދާނަން،" ޒަމީރު ވިދާޅުވި އެވެ.

އެމްޓީޑީސީގެ ހިންގުން ބަދަލު ކުރަން ސަރުކާރުން މަސައްކަތްކުރާއިރު ނިމިދިޔަ އަހަރުވެސް އެ ކުންފުނީގެ ހިއްސާދާރުން އަހަރު ނިންމައިލީ "ހުސްއަތާ" އެވެ.