ވިޔަފާރި

ޓޫރިސްޓުން ރާއްޖޭގައި ތިބެން ތިން މަސް މަދު: މައުސޫމް

ބައެއް ޓޫރިސްޓުން ރާއްޖޭގައި ތިބެން ތިން މަސް މަދު ކަމަށާއި ގިނަ ދުވަހު ޓޫރިސްޓުން ރާއްޖޭގައި ތިބެވޭ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހު ވާން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައިއިރު، ގިނަ ދުވަހު އެ މީހުންނަށް ތިބެވޭނެ ގޮތަށް އިސްލާހު ވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށާ، ނަމަވެސް އެ އިސްލާހު އައިސްފައި ނެތް ކަމަށެވެ. އެކަމަކު ރާއްޖޭގައި ގިނަ ދުވަހަށް ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ގާނޫނު އިސްލާހުވުން މިހާރު ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ރާއްޖޭގައި ތިބެން ތިން މަސް ދުވަސް ބައެއް ޓޫރިސްޓުންނަށް މިހާރު މަދު. އެހެންވީމަ 90 ދުވަހަށް ވުރެ ގިނަ ދުވަހު ހާއްސަ ވިސާއެއް ނުނަގައި ތިބެވޭނެ ގޮތަށް އެ ގާނޫނު ވެސް ބަދަލު ކުރަން ޖެހޭ. މި ބަދަލު ގެނައުމުން އާއްމުކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރަން އަންނަ މުއްދަތު ވެސް އިތުރު ވެގެން ދާނެ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ބަދަލު ގެނެވިއްޖެ ނަމަ ބެޑްނައިޓްސް 2019 ވަނަ އަހަރާ ގާތްގަނޑަކަށް އެއް ވަރަކަށް ޓޫރިސްޓުން އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވި ޖުލައި މަހު ސަރުކާރުން 10،000 މީހުން އަންނާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް އައީ 1،500 މީހުންނެވެ. ނަމަވެސް އޭގެ ފަހުން ޓޫރިސްޓުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން މިހާތަނަށް 59,105 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދުވަނީ، ބޯޑަރު ބަންދު ކުރުމާއެކު އައި 382,760 ޓޫރިސްޓުންނާއެކު ބަލާނަމަ 441,952 އަށް އަރާފަ އެވެ.