ސީ ލައިފް ކޮމްޕްލެކްސް

އަންމަޓީ ބަންދުން ދޫކޮށްލައިފި

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) އަށް ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށްލައިފި އެވެ.

އަންމަޓީ ބަންދުން ދޫކޮށްލާފައި ވަނީ ދެ ޝަރުތެއް ކުރުމަށް ފަހުގަ އެވެ. އެއީ ޝަރީއަތް ނިމެންދެން މާލެއިން ބޭރަށް ނުދިއުމަށާއި އަދި ރާއްޖޭއިން ބޭރަށް ފުރައިގެން ނުދިއުމަށެވެ. މި ނިންމުން މުރާޖައާ ކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާ ކަމަށް ވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ. ސަބަބުތަކުގެ ގޮތުގައި ފާހަގަކުރީ މާޒީގައިވެސް ޝަރީއަތަށް ހާޒިރުވެފައި ނުވާތީ އާއި ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމާއި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ދައުލަތުގެ ވަކީލް ފާހަގަކުރި އެވެ. މީގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ދައުލަތުގެ ވަކީލް ފާހަގަކުރެއްވި އެވެ.

އެގޮތުން ސީލައިފް ކުންފުނީގެ ނުވަ މުވައްޒަފުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށާއި އޭގެތެރެއިން ފަސް ފަރާތަކީ ކަން ހިނގައިދިޔަ މަންޒަރު ވަރަށް ގާތުން ފެނުނު ފަރާތްތަކެއްގެ ގޮތުގައި ފާހަގަކުރި އެވެ. އެ މީހުންނަކީ އަންމަޓީއާއި ގާތް ގުޅުން އޮންނަ ބަޔަކަށް ވާތީ ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވާނެ ފުރުސަތު ބޮޑުވާނެ ކަމަށާއި، އެފަދަ ކަމެއް ހިނގައިފިނަމަ މައްސަލަ ކުރިއަށް ގެންދަން އުނދަގޫ ވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް އަންމަޓީ ބުނީ އޭނާ އަކީ އެއްއިރަކު ވެސް ފިލި މީހެއް ނޫން ކަމަށެވެ. ރާއްޖެއިން ބޭރުގައި ހުރެގެންވެސް ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެއްބާރުލުން ދީފައިވާނެ ކަމަށް ބުންޏެވެ. އަދި ރާއްޖެ އައީ އަމިއްލަ އިހުތިޔާރުގައި ތަހުގީގަށް އެއްބާރުލުންދީ ޖަވާބުދާރީ ވާން ކަމަށް ވެސް އޭނާ ބުންޏެވެ.

"ރާއްޖެ އައީ އަމިއްލަ އިހުތިޔާރުގަ. ފިލައިގެން ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ރާއްޖެ އައީ މިކަމަށް ޖަވާބުދާރީވާން. ލައިވް ޝަރީއަތެއް ކުރިއަށް ގެންދިއުމަށް ވެސް އަޅުގަނޑު އެދެން. އެއީ މައްސަލައިގެ އޮޅުވައިލުންތަކެއް ހުރީމަ." މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަންމަޓީ ބުންޏެވެ.

މީގެ އިތުރުން އޭނާ ވަނީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ބަންދަށް ލުޔެއް ދިނުމަށް އެދިފަ އެވެ. އެގޮތުން އޭނާގެ މައިބަދައިގެ ދެ ނާރު ފިތިފައިވާ ކަމަށާއި ޖަލުގައި އޮންނައިރު އެތައް ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދަށް ލުޔެއް ދިނުމަށް ވަނީ އެދިފަ އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ހަސަން ސައީދު ނިންމެވީ އަންމަޓީގެ ބަންދަށް ލުއި ދިނުމަށެވެ. މި މައްސަލައަކީ އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދެން ޝަރީއަތް ކުރިއަށް ގެންދާނީ އެއް މަޖިލީހެއްގައި ހުރިހާ ފަރާތަކުން ހާޒިރުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ދައުވާތައް އަންމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.