އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ހިތަދޫގައި ބޮޑު ކްލަސްޓާއެއް

އައްޑޫ ސިޓީ ހިތަދޫގައި ކޮވިޑުގެ ބޮޑު ކްލަސްޓާއަކުން ޕޮޒިޓިވްވީ މީހުންގެ އަދަދު 83 އަށް އަރައިފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކޮވިޑްގެ ބޮޑު ކްލަސްޓާއެއް ފެނިގެން އުޅެނީ ބިދޭސީންގެ ތެރެއިން ކަމަށެވެ. އެ ކްލަސްޓާއިން ބައެއް ދިވެހިން ވެސް މިހާރު ޕޮޒިޓިވް ވަމުންދާ ކަމަށެވެ.

"އިއްޔެ ހަތް މީހަކު، އޭގެ ކުރީ ދުވަހު 15 އަދި ހޯމަ ދުވަހު 18 މީހުން ޕޮޒިޓިވްވި. ދެން ބިދޭސީން ޕޮޒިޓިވްވާތީ އެމީހުން ގަމުގައި ހުންނަ ދޫގަސް އަށް ބަދަލުކުރަން މިހާރު މަސައްކަތް ކުރަމުން ދަނީ" ނިޒާރު ވިދާޅުވި އެވެ.

ހިތަދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެނިހެން ރަށްރަށުން ކޮވިޑް ފެތުރުން އެއްކޮށްހެން ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

ހިތަދޫގައި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެއެކޭ އެއްގޮތަށް ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. އެގޮތުން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގައި ފާސް ނެތި ނުވަތަ ފުލުހުންގެ ޕޯޓަލްއިން ހުއްދަ ނުހޯދައި ބޭރަށް ނުނިކުމެވޭނެ އެވެ.

ކޮވިޑާ ގުޅިގެން އައްޑޫ ސިޓީ މޮނީޓަރިން އަށް ލީ މިދިޔަ މަހު އެއް ވަނަ ދުވަހު އެވެ. އެ ސިޓީން މިހާތަނަށް 389 ކޭސް ވަނީ ފެނިފަ އެވެ. މޭޔަރު ވިދާޅުވީ މޮނިޓަރިން އިން އައްޑޫ ސިޓީ ނެގޭނެ ދުވަހެއް އަދި ލަފާކުރަން ވެސް ނޭނގޭ ކަމަށެވެ.