މޯލްޑިވްސް ޕޮލިސް ސާވިސް

ހުއްޓުވި ލޯންޗުގައި ހަމަލާއާ ގުޅޭ މީހުނެއް ނެތް: ޕޮލިސް

ފުލުހުން ހުއްޓުވި ލޯންޗުގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ވ. ތިނަދޫ ލަކީ، އަދުހަމާއި އަހުމަދާއިި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދުގެ އިތުރުން އެ ހަމަލާގައި ހައްޔަރު ކުރި އެއްވެސް މީހަކު ނުހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ލޯންޗުގައި ތިބީ ހަތަރު މީހުން ކަމަށާއި އަދި އެ ލޯންޗަށް ފުލުހުން ޕެޓްރޯލް ފޯރުކޮށްދީފައި ނުވާއިރު އެ ލޯންޗު ދޫނިދޫއަށް ގޮސްފައި ވެސް ނުވާ ކަމަށެވެ.

ގްރޭޓާ މާލޭ އޭރިއާގެ ކަނޑުގެ ސަރަހައްދައި ދުއްވާ އުޅަނދުތަކުގެ ސަލާމާތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި އެއްވެސް މައްސަލައެއް ފާހަގަ ކުރެއްވިއްޖެ ނަމަ އެޓެންޑްވުމަކީ އާންމު އުސޫލުން ކުރަމުން ގެންދާ ކަމެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ، އަދި ބުނީ ނަސޭހަތް ދިނުމާއި މައުލޫމާތު ނޯޓު ކުރުމަކީ ވެސް އާންމު އުސޫލުގެ ތެރޭގައި ހިނގާ ކަންކަން ކަމަށެވެ.

މި މައުލޫމާތު މިއަދު ފުލުހުން ދިން އިރު ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން ހަމަލާގެ ބައެއް ބައިވެރިން ކަނޑުމަތިން ހުއްޓުވި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ، އިއްޔެ ފުލުހުން އެހެން ބުނެފައިވަނީ ހަމަލާގެ އިސް މީހާ ކަމަށްވާ އަދުހަމް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހްމީން އަހްމަދު މެއި އެއްވަނަ ދުވަހު ދޫނިދޫ ފަޅުތެރޭގައި ލޯންޗެއްގައި ތިބި ކަމަށާއި އެމީހުން ފުލުހުންނާއި މުއާމަލާތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަކާއި ގުޅިގެންނެވެ.

"ހައެއްފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި އަދުހަމާއި ތަހުމީނު ހިމެނެ އެވެ. ތިންވަނަ މީހަކީ މއ. ފޭރުގެ މުޖާޒް އަހްމަދެވެ. އެ ހަމަލާގެ ތުހުމަތުގައި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. ހަމަލާ އާއި ގުޅިގެން ފަސްވަނަ މީހަކު ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެމީހާގެ މައުލޫމާތު އަދި ހާމަ ކޮށްފައެއް ނުވެ އެވެ.