އައިޖީއެމްއެޗް

ލޯންޗުގައި ރޯވުން: ބިދޭސީ މީހާގެ 25 ޕަސެންޓް ވަނީ ފިހިފައި

މާލޭ ދެކުނު ފަޅުތެރެއިން ލޯންޗު ތަކެއްގައި މިއަދު އަލިފާން ރޯވިއިރު ގެއްލުންވި ބިދޭސީ މީހާގެ ހަށިގަނޑުން 25 ޕަސެންޓް ފިހިފައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިހިފައި ވަނީ، ރޯވި ލޯންޗެއް ހުރި 20 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑުގެ 25 ޕަސެންޓް ވަނީ ފިހިފައި ކަމަށެވެ. އެ މީހާއަށް އެ ހޮސްޕިޓަލްގެ އިމެޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު، މޭރީބްރައުން ރެސްޓޯރެންޓާއި ދިމާއިން ފަޅުތެރޭގައި އޮތް ލޯންޗްތަކެއްގައި އަލިފާން ރޯވީ މިއަދު ހެނދުނު 6:13 އެހާކަންހާއިރު އެވެ. އެ ލޯންޗުތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލަން މާ ގިނަ އިރު ނަގާފައެއް ނުވި ނަމަވެސް ރޯވި ލޯންޗުތަކުގެ ބޮޑު ބައެއް ވަނީ އަނދާފަ ހުލި ވެފަ އެވެ.

ފަހަކަށް އައިސް މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީ ހާދިސާތަކާއި އިމާރާތް ކުރުމުގެ ތެރޭގައި ހިނހާ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ބިދޭސީންނަށް ބޮޑެތި އަނިޔާތައް ލިބޭއިރު ބައެއް މީހުން މަރުވެ ވެސް ވެއެވެ.