އާބާދީ ބޮޑެތި ރަށްރަށުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު ބަލަން މޮނިޓަރިން ސްޓޭޝަންތައް ގާއިމު ކުރަން ނިންމައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނަނީ އެ ސްޓޭޝަން ގާއިމުކުރަން ޓެކްނިކަލް އެސެސްމަންޓެއް ތައްޔާރު ކުރުމަށް ފަރާތެއް ހޯދަން ވެސް އިއުލާން ކޮށްފަ އެވެ. އަދި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައި ވެއެވެ.
މޮނީޓަރަށް ސްޓޭޝަން އަޅަން ނިންމާފައި ވަނީ ކޮން ރަށްތަކެއްގައި ކަމެއް އަދި ނޭނގެ އެވެ. އަދި އަތޮޅުތަކުގެ ރަށްތަކުގެ ވައި ތަޣައްޔަރު ވެފައިވާ މިންވަރާ ގުޅޭގޮތުން އެއްވެސް ދިރާސާއެއް ހެދި ކަމެއް ވެސް އަދި އެނގިފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ އެއާ ކޮލެޓީ މެނޭޖްމަންޓް އޮފިސަރު އައިމިނަތު މައިހާ ހަމީދު ވިދާޅުވީ އެއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ދެވެން ނެތް ކަމަށެވެ.
މީގެ ކުރިން މާލޭގައި ވައި ތަގައްޔަރުވެފައިވާ މިންވަރު ބަލަން އެއާ ކޮލެޓީ މޮނިޓަރިން ސްޓޭޝަންތަކެއް ގާއިމްކުރި އެވެ. ނަމަވެސް އެ ސްޓޭޝަންތަކުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް އަހަރެއް ވަނީ ވެފައެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އެއާ ކޮލެޓީ މޮނިޓަރިން ސްޓޭޝަންތައް ގާއިމްކުރަން މީގެ ކުރިން އެތައް ފަަހަރަކު އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ނަމަވެސް ބަޖެޓު ހަމަނުޖެހި އެ ޕްރޮޖެކްޓްތައް ކުރިއަކަށް ނުގެންދެވުނެވެ.