ބިދޭސީން

ބިދޭސީންގެ މުސާރައަށް ދެ އަހަރުން 400 މިިލިއަން ޑޮލަރު ބޭރަށް!

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މުސާރައިގެ ގޮތުގައި ވޭތުވެދިޔަ ދެ އަހަރު ތެރޭ 400 މިިލިއަން ޑޮލަރު ބޭރުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމެޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ބިދޭސީން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ރެމިޓަންސްފީގެ ގޮތުގައި 400 މިލިއަން ޑޮލަރު އެމީހުންގެ ގައުމުތަކަށް ފޮނުވާފައިވާ ކަމަށާއި މިއީ ބޮޑު އަދަދެއް ކަމަށެވެ.

"މިހާ ބޮޑު ފޮރިން ލޭބަ ރެޖީމެއް މިހާ ކުޑަ ގައުމެއްގައި އޮތުން އަޅުގަނޑުމެން އެބަޖެހޭ ޒިންމާދާރު ގޮތެއްގައި ނަގަން. ދުނިޔޭގެ މާގިނަ ގައުމުތަކެއްގައި މިގޮތަކަށް ނެތް،" ސައީދު ވިދާޅުވި އެވެ.

ސަރުކާރުންވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބިދޭސީން ރާއްޖޭން ބޭރަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓުގެ "ރެމިޓަން" ފީއެއް ނެގުމަށް ނިންމާފަ އެވެ.

ސައީދު ވިދާޅުވީ މިރެމިޓަން ފީގެ ސަބަބުން އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް ރާއްޖެއަށް އާމްދަނީގެ ގޮތުގައި 55 ވަރަކަށް މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ފީގެ ސަބަބުން ބިދޭސީންނަށް ވަޒީފާ ދީގެން ތިބި ފަރާތްތަކަށް "ބުރައެއް ނެތް" ކަމަށެވެ.

"މި ދެންނެވި އެއްލަކަ ތިރީސް ފަސްހާސް ބިދޭސީންގެ ތެރެއިން 80 ޕަސެންޓު މި އުޅެނީ 200 ޑޮލަރުގެ މުސާރައެއްގައި އެވްރެޖުކޮށް. އެއަށްވުރެ މަތީގައި ހުންނަ ބްރެކެޓަކީ އިންޓަނޭޝަނަލް ބްރޭންޑް ޕަވާ ނުވަތަ ހޮސްޕިޓާލިޓީ ލޭބަސްތަކުގެ ކޮންސަންޓްރޭޝަން އެންމެ މަތީ ގައުމު. އެހެންވެ މި ބްރޭންޑްތަކުގެ ވެސް ކޯޕަރޭޓް ސޯޝަލް ރެސްޕޯންސެބިލިޓީއެއް އޮންނަން ޖެހޭ. މި ނެގެނީ ވަރަށް ނޮމިނަލް ފީއެއް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެހެން އެއްވެސް ފީއެއް ލޭބަ ރެޖީމްގެ ތެރެއިން އިތުރު ފީއެއް ނުނަގާ ކަމަށެވެ.

ސައީދު ވިދާޅުވީ ޖީޑީޕީން ބޮލަކަށް ޖެހޭ އަދަދު 12،000 ޑޮލަރަށް އިތުރުގެން ދާނެ ކަމަށް ބެލެވޭއިރު، މިކަމުގެ ސަބަބުން ވަޒީފާގެ ބާރަށް އަންނަ ބިދޭސީންގެ އަދަދު އިތުރު ވެގެންދާނެ ކަމަށެވެ.