އެޗްއާރްސީއެމް

ކަސްޓޯޑިއަލް ޖަލުތަކުގެ ގަވާއިދު ޑްރާފްޓަށް އިސްލާހުތަކެއްް

Jun 17, 2021

މޯލްޑިވްސް ޕޮލިސް ސާވިސް އިން އެކުލަވާލާފައިވާ ކަސްޓޯޑިއަލް ޖަލުތަކާ ބެހޭ ގަވާއިދުގެ ޑްރާފްޓަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމުން މިއަދު ބުނީ އެ ކޮމިޝަނުން ގަވައިދު ދިރާސާކުރުމަށްފަހު 88 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.

އެޗްއާރްސީއެމުން ހުށަހެޅި އިސްލާހު ތަކުގެ ތެރޭގައި ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައި ތިބޭ މީހުންނަށް ލިބޭ އަސާސީ ހިދުމަތާއި އިނާޔަތްތައް ތައާރަޒު ނުވާނެހެން ވަކި ހިދުމަތްތަކެއްގެ ގޮތުގައި ގަވާއިދުގައި ބަޔާންކުރުމާއި، އެއްވެސް ހާލެއްގައި ގާނޫނު އަސާސީންނާއި ގާނޫނުތަކުންނާ އަދި ގަވާއިދުތަކުން ލިބިދޭ އެއްވެސް އަސާސީ ހައްގެއް އެއްވެސް މިންވަރަކަށް އުނި ނުކުރުމާއި މެދުކަނޑައި ނުލެވޭ ގޮތަށް ހަމަޖެއްސުމަށް އިސްލާހު ހުށަހަޅާފައިވެ އެވެ.

ރިމާންޑް ޖަލަށް ބަދަލުކުރަންޖެހޭ އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންނަށް ކަނޑައެޅޭ އުސޫލެއްގެ މަތިން ގާނޫނާ ގަވާއިދުތަކުން ކަށަވަރުކޮށްދީފައިވާ އެފަދަ ބަންދު މީހުންނަށް ރިމާންޑް ޖަލަކުން ލިބިދޭންޖެހޭ އަސާސީ ހައްގުތަކާ އިނާޔަތްތައް އެ ފަރާތްތަކަށް ލިބިދެވޭކަން ކަށަވަރުކުރުމާއި ވީހާވެސް އަވަހަށް އެފަދަ ފަރާތްތައް ރިމާންޑް ޖަލަކަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ހުށަހަޅާފައިވެ އެވެ.

މީހަކު ކުރާ ކުށުގެ ކުޑަބޮޑު މިނާއި، ކުށުގެ ބާވަތަށް ބަލައި ގިންތިކޮށް ކުޑަކުދިންނާއި، އަންހެނުންނާއި ފިރިހެނުން ވީހާވެސް ބޮޑަށް އެއް ބަޔަކު އަނެއް ބަޔެއްގެ އަޑާއި ހަރަކާތްތައް ނުފެންނާނެހެން އަދި އެފަރާތްތަކުގެ އިންސާނީ ކަރާމާތް ނުގެއްލޭނެހެން ކަސްޓޯޑިއަލްގައި ބޭތިއްބުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ހުންނަ ހަމަ ކޮންމެ މީހަކަށް ވެސް ތަފާތު ކުރުމެއްނެތި ލިބެންޖެހޭ ހައްގުތަކާއި، އިނާޔަތްތަކާއި، ހިމާޔަތާއި، ރައްކާތެރިކަން ލިބިދެވޭކަން ކަށަވަރުކުރުމަށާއި، ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މާބަނޑު މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ހައްގާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގު ކަށަވަރު ކުރެވޭ ގޮތަށްވެސް އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ.