އެޗްއާރްސީއެމް

"ޖިހާދު" ކުރާ މީހުން ތިބޭ މަރުކަޒުގެ ހާލަތު ބަލައިފި

Feb 28, 2022
1

ހިންމަފުށީގައި ގާއިމުކޮށްފައިވާ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރު (އެންއާރްސީ)ގެ ހާލަތު އެޗްއާރްސީއެމް އިން ބަލައިފި އެވެ.

އެޗްއާރްސީއެމްގެ ޓީމެއް އެންއާރްސީ އަށް އެންމެ ފުރަތަމަ ޒިޔާރަތްކުރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

އެ ދުވަހު އެޗްއާރްސީއެމުން ވަނީ އެންއާރްސީގެ ބައެއް ކަންކަން ރަނގަޅުކުރަން ކަމާ ގުޅޭ އިދާރާތަކަށް އަންގާފަ އެވެ.

އޭގެފަހުން މިމަހުގެ އަށްވަނަ ދުވަހު އެޗްއާރްސީއެމްގެ ޓީމެއް އެންއާރްސީ އަށް ޒިޔާރަތް ކުރީ ފަސްވަނަ ދުވަހު ރަނގަޅުކުރަން އަންގާފައިވާ ކަންކަން ތަންފީޒު ކުރަމުން ދިޔަ ގޮތް ބަލައި މޮނިޓާ ކުރުމަށެވެ.

އެންއާރްސީ އަކީ މީހުން ބަންދުކޮށްގެން ގެންގުޅޭ ތަނަކަށް ވާތީ އެތަނުގެ މާއްދީ ހާލަތު ކޮމިޝަނުން ބަލާފައިވެ އެވެ. އެތަނުގައި ހުރި މައްސަލަތައް ފާހަގަކޮށް ކަރުދާހެއް ތައްޔާރުކޮށް ހޯމް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ބުނެ އެވެ.

މީހުން ބަންދުކޮށްފައި ތިބޭ ތަންތަނަށް އެޗްއާރްސީއެމްގެ ޓީމުތަކުން ޒިޔާރަތްކުރުމަށްފަހު އެ ތަންތަނުގެ ހާލަތާ ގުޅޭ ރިޕޯޓެއް އާންމުކުރެ އެވެ. އެކަމަކު އެންއާރްސީއާ ގުޅޭ ރިޕޯޓް އަދި އާންމުކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ އެންއާރްސީ އަކީ ބޭރުގެ ގައުމުތަކުގައި ހިންގާ ދާހިލީ ހަނގުރާމަތަކުގައި "ޖިހާދު"ގެ ނަމުގައި ބައިވެރިވާ ދިވެހިން ރާއްޖެ ގެނެސް އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން އެމީހުން ރިހިބިލިޓޭޓް ކުރަން ބޭނުންކުރާ މަރުކަޒެކެވެ.