އަލީ ހުސައިން

ދޫކޮށްލާ ހައްގެއް އަލުން ހޯދަން ވަރަށް އުނދަގޫވާނެ: އަލީ

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ އަލުން އެ ހައްގު އަނބުރާ ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން، މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލުގެ ނުރައްކާތެރިކަން ބަޔާން ކޮށްދެއްވައިފި އެވެ.

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި އަދި "ހިސާން ބިލް" ގެ ގޮތުގައި މަޝްހުރު ވެފައިވާ ބިލާ ދެކޮޅު ހެދުން ބޮޑުވެފައިވާއިރު އަލީ ހުސައިން ވަނީ އެ ބިލަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެ ބިލަކީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ ބިލެއް ކަމަށްވެސް ކުރީން ވިދާޅުވިއެވެ.

ބިލުގެ ނުރައްކާތެރިކަން ހާމަކުރައްވާ އަލީ ހުސައިން ވިދާޅުވީ ހިޔާލުފާޅު ކުުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ މާދަމާ އެކަމާ އިންތިހާއަށް ހިތާމަ ކުރަން ޖެހިދާނެ ކަމަށެވެ. އަދި ދޫކޮށްލާ އެއްވެސް ހައްގަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް ކަމަށް ވިދާޅުވިއެވެ.

އެކަމުގެ މިސާލެއް ދައްކަވާ އަލީ ހުސައިން ވިދާޅުވީ އެއްވެ އުޅުމުގެ ހައްގަށްވީ އެހެން ކަމަށެވެ. އަލީ ހުސައިން އެ އިޝާރާތް ކުރައްވަނީ ގާނޫނުއަސާސީން ލިއްބައިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ސަރުކާރުން ގެނައި އިސްލާހެވެ. އެ އިސްލާހަށް އިދިކޮޅުގައި ތިއްބަވާ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކިތަންމެ ދެކޮޅު ހެއްދެވި ނަމަވެސް ވެރިކަމަށް ވަޑައިގެން އެ އިސްލާހު އުވާލެއްވުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އެ އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، އޭރުގެ ވެރިކަން ކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. އިސްލާހުގައިވާ ގޮތުން، އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ އަދި ރާވައިގެން ބާއްވާ އެންވުންތަކަށް ގާނޫނުގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި އެއްވެސް އެއްވުމެއް ނުބޭއްވޭނެ އެވެ.

އެ އިސްލާހާ އުވާލުމާ މެދު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ލަފައަކަށް އެހުމުން، އޭނާ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކުން ދެވެން އޮތް އެންމެ ފުޅާމިނަކަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ބޭނުންވާ ކަމަށެވެ. އެކަމަކު، އެ އިސްލާހު އުވާނުލުމަކީ އެ ފުރުސަތު ހޯދައި ނުދެވޭނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެއްކޮށް އުވާނުލައި ރައްޔިތުންނަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދެވިދާނެ ކަމަށް ނުވަތަ އިސްލާހެއް ގެނެވިދާނެ ކަމަށް އަޅުގަނޑު ދެކެނީ،" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވި ކޮމިޓީގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ މާދަމާ އެކަމާ އިންތިހާއަށް ހިތާމަ ކުރަން ޖެހިދާނެ. ދޫކޮށްލާ އެއްވެސް ހައްގަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް. އެއްވެ އުޅުމުގެ ހައްގަށްވެސް ވީ ހަމަ އެހެން
އަލީ ހުސައިން | ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

އެއްވެ އުޅުމުގެ ހައްގު ހަނިވުމުގެ އިތުރުން ހިސާން ހުށައެޅުއްވި ބިލަކީ ދީނާ ހިލާފު ވާހަކަތަކަށް ފުރުސަތު ދީ އެފަދަ ވާހަކަތައް ފަތުރާ، ދައްކަމުންދާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ބިލާ ދެކޮޅަށް ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ތެދުވެފައެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީވެސް ހިމެނެއެވެ.