ދީން

ފުދުންތެރި ދިރިއުޅުމެއް ހިޔާރު ކުރުން

ކޮވިޑްގެ ޙާލަތާ ގުޅިގެން ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ވަޒީފާތަކާއި، ވިޔަފާރިތައް ބަންދުވެފައިވުމުގެ ސަބަބުން ކުރިމަތިވާ މާލީ ދަތިކަމެވެ. މިފަދަ ދަތި ދަނޑިވަޅުތަކުގައި އަޅުގަނޑުމެން، މުސްލިމުންގެ އީމާންކަމާއި ޢަޤީދާއަކީ ވަރަށް މުހިމުން ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ހަނދާންކުރަންވީ އެންމެ މުހިންމުކަމަކީ، ދުނިޔޭގައި ހިނގާ ކޮންމެ ކަމެއްވެސް ހިނގަނީ މާތް ﷲ ގެ މަތިވެރި ޙިކްމަތްވަންތަކަމުން ކަމެކެވެ. މިދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް އެއިލާހުގެ މިންވަރުފުޅުގެ ތެރެއިން ކުރިމަތިވާ ކަމެއް ކަމުގައެވެ.

ހަމައެއާއެކު ހުރިހާ ޚަލްޤުތަކުންނަށް ރިޒުޤު ދެއްވުންވުންވަނީ ﷲ ތަޢާލާ، އެއިލާހުގެ ޒާތުފުޅަށް ކަނޑައަޅުއްވާފައެވެ. އަޅުތަކުންނަށް އޮތީ ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَمَا مِن دَآبَّةٍ فِي الأَرْضِ إِلاَّ عَلَى اللّهِ رِزْقُهَا﴾ (هود: 6) މާނައީ: "ބިމުގައި ހިނގާބިނގާވެ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه ރިޒުޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ."
އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ * فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ ﴾ (الذاريات 22-23) މާނައީ: "އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާހާ ކަމެއް (ގެ އަމުރުފުޅު) އުޑުގައިވެއެވެ. * ފަހެ، އުޑާއި، ބިމުގެ ވެރިރަސްކަލާނގެ ގަންދެއްވައި، ހުވާ ވަޙީކުރައްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ބަސްމޮށޭ ފަދައިން، އެއީ ހަމަ ޙައްޤުތެދުކަން ކަށަވަރެވެ."

ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނަކުވެސް އޭނާގެ މައިމީހާގެ ބަނޑުގައި އޮއްވާ، ފުރާނަ އެޅުއްވުމުގެ ކުރިން ހަތަރު ކަމެއް ލިޔުއްވުމަށް ރަޙިމުގެ ކަންކަމާ ހަވާލުވެވަޑައިގެން ހުންނަވާ މަލާއިކަތާއަށް އަމުރުވެވިގެންވާކަމުގައި ޙަދީޘްތަކުން އެނގެއެވެ. އެ ހަތަރުކަމަކީ، އެމީހާގެ ޢުމުރާއި، ރިޒުޤާއި، އޭނާއަކީ ބާއްޖަވެރިއެއް ނުވަތަ އަބާއްޖަވެރިއަކު ކަމުގައި ލިޔުއްވުމެވެ. ވީމާ، ކޮންމެ މީހަކަކުވެސް މައިމީހާގެ ބަނޑުގައިވަނިކޮށް އެމީހެއްގެ ރިޒުޤުވަނީ ލިޔުއްވާފައެވެ. ދުނިޔޭގައި އޭނާށް އޮތީ އެރިޒުޤު ހޯދުމުގެ ވަސީލަތްތަކުގައި ހިފައިގެން މަސައްކަތް ކުރުމެވެ.

މިފަދަ ވަބާއެއްގެ ތެރޭގައި މީސްތަކުންވާހިނދު، ޚަރަދު ކުޑަކުރުމާއި، ބޭކާރު ކަންކަމަށް ޚަރަދު ކުރުމުން އެއްކިބާވުމާއި، އިޤްތިޞާދު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އިޤްތިޞާދީ ތަޖުރިބާކާރުންވަނީ މިއުޟޫޢުގައި އެތައް މަޢުލޫމާތުތަކެއް ހާމަކުރައްވާފައެވެ. މިއާއެކު އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައިވެސް ޚަރަދު ކުޑަކުރުމާއި، ފުދުންތެރިކަމަށް ނުހަނު ބާރުއަޅުއްވަފައިވެއެވެ. އިސްރާފު ކުރުމުން އެއްކިބާވުމަށް ދީނުގައިވަނީ އަންގަވާފައެވެ. އިސްރާފު ކުރާ މީހުންދެކެ މާތް ﷲ ލޯބިވެވޮޑިގެންނުވާކަމުގައި ކީރިތި ޤުރްއާނުގައިވަނީ އަންގަވާފައެވެ.
ޚަރަދު ކުޑަކުރުމަށާއި ފުދުންތެރި ދިރިއުޅުމެއް ޚިޔާރު ކުރުމަށްވެސް މާތްވެގެންވާ އިސްލާމް ދީނުގައި ބާރުއަޅުއްވައެވެ. މުއުމިނުންގެ ސިފަތަކުގެ ތެރޭގައި އެބައިމީހުންނަކީ އިސްރާފު ކުރުމުން އެކިބާވެ، އަދި ދަހިވެތިކަމާއެކު މުއްބަރުކޮށްގެން ނުތިބޭ ބައެއްކަމުގައި ކީރިތި ޤުރްއާނުގައިވަނީ އަންގަވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَلِكذَ قَوَاماً ﴾ (الفرقان 67) މާނައީ: "އަދި އެއުރެންނީ (އެބަހީ: މުއުމިނުންނީ) އެއުރެން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ."

މިއާޔަތުގައި މިވަނީ އިޤްތިޞާދުގެ މުހިންމު ރުކުނެއް ބަޔާންކުރައްވާފައި ކަމުގައި، އައްޝައިޚު އައްޝަންޤީޠީ رحمه الله ވިދާޅުވެފައިވެއެވެ. އެއީ، މުދާހޭދަކުރުމުގައި ޢަމަލު ކުރަންވީ ގޮތެވެ. މިއާޔަތުގެ ތަފްސީރުގައި އައްޝަންޤީޠީ رحمه الله އެކަލޭގެފާނުގެ އަޟްވާއުލް ބަޔާނޭ ކިޔުނު ފޮތުގައި ގެންނަވާފައިވާ ވާހަކަކޮޅެއް ހިމަނައިލާނަމެވެ.

އިޤްތިޞާދު ބިނާވެފައިވަނީ އަސާސީ ގޮތުން ދެ ކަމެއްގެ މައްޗަށެވެ. އެއީ؛ މުދާ ހޯދުމާއި ޚަރަދު ކުރުމެވެ. މި ދެކަމުންކުރެ ކަމެއް އުނިވާނަމަ އިޤްތިޞާދު ފުރިހަމައެއް ނުވާނެއެވެ. އެގޮތުންބަލާއިރު، މުދާ ހޯދުމުގެ ގޮތްތައް ރަނގަޅަށް އެނގޭ މީހަކަށް އެމުދާ ހެޔޮގޮތުގައި ހޭދަކުރަން ނޭނގޭނަމަ އޭނާއަށް ލިބިފައިވާ މުދާ ފައިދާއެއް ނެތް ގޮތުގައި ބޭކާރުވެގެންދާނެއެވެ.

ހަމައެފަދައިން، މުދާ ހޭދަކުރަންވީ ރަގަނޅު ގޮތްތައް އެނގުނު ކަމުގައިވިޔަސް، މުދާ ހޯނާނޭގޮތް ނޭނގޭ މީހަކުނަމަ، އޭނާއަށް މުދަލުން ކުރާނޭ ފައިދާއެއް ނެތެވެ. އެހެނީ، ކިތަމަންމެ ރަގަނޅު ގޮތް ގޮތަށް ޚަރަދު ކުރަން އެނގުނު ކަމުގައިވިޔަސް، ޚަރަދުކުރާނޭ މުދަލެއް އޭނާގެ އަތުގައި ނުހުންނާނެއެވެ.

ވީމާ، އިޤްތިޞާދުގެ އަސާސް ބިނާވެފައިވަނީ މިދެންނެވި ދެ ރުކުނުގެ މައްޗަށް ކަމުގައިވީހިނދު، އިސްވެ ނަންގަނެވުނު އާޔަތުގައި އެވަނީ އެއިން އެއް ރުކުން ބަޔާން ކުރައްވާފައެވެ. އެއީ އިސްރާފުކުރުމެއް އަދި މުއްބާރުކުރުމެއްނެތި، ހެޔޮގޮތުގައި މުދާ ހޭދަކުރުމެވެ. މުދާ ހޯދުމާ ގުޅޭގޮތުން މިއާޔަތުގައި ބަސްފުޅެއް ނެތްކަމުގައިވިޔަސް، މިނޫން އެތައް އާޔަތެއްގައި އެވާހަކަ ވަނީ ބަޔާންކުރައްވާފައެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿فَإذا قُضِيَتِ الصَّلاةُ فانْتَشِرُوا في الأرْضِ وابْتَغُوا مِن فَضْلِ اللَّهِ﴾ (الجمعة ١٠) މާނައީ: "ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ ދީލަތިވަންތަކަމުން (ދެއްވުމަށް) އެދޭށެވެ!"

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ لَيْسَ عَلَيْكم جُناحٌ أنْ تَبْتَغُوا فَضْلًا مِن رَبِّكُمْ﴾ (البقرة ١٩٨) މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ލިބޭ ދީލަވަންތަވެރިކަމެއް (އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إلّا أنْ تَكُونَ تِجارَةً عَنْ تَراضٍ مِنكُمْ﴾ (النساء ٢٩) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާޠިލު ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ."

މުދާ ހޯދުމާއި މުދާ ޚަރަދު ކުރުމުގައި ދީނުގައި އަންގަވާފައިވާ ޙުކުމްތައް އުނގެނި ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެނީ، ހެޔޮގޮތުގައި މުދާ ހޯދުމުގެ އިތުރުން، މުދާ ހޯދުން ނަހީކުރެއްވިގެންވާ ގޮތްތައްވެސް ވަނީ ދީނުގައި ބަޔާންކުރައްވާފައެވެ. އެގޮތުން، މީސްތަކުންގެ މުދާ ޙައްޤަކާނުލައި ކެއުން ނަހީކުރެއްވުމާއި، ރިބާ ކެއުން ނަހީކުރެއްވުންފަދަ ޙުކުމްތައް ހިމެނެއެވެ. (އަޟުވާއުލް ބަޔާން- އައްޝަންޤީޠީ رحمه الله )

ފުދުންތެރިކަން އިސްކުރުމާއި ބޭކާރު ޚަރަދުތައް މަދުކުރުމަކީ އިސްވެބަޔާންކުރިފަދައިން، މި ދަނޑިވަޅުގައި ކުރަންޖެހިފައިވާ ކަމެކެވެ. އަދި ހަމައެފަދައިން، އެކަމަކީ މާތް ﷲ ގެ ރުއްސެވުން ޙާޞިލުވާނޭކަމެކެވެ. މާތް ﷲ އެބަޔަކަށް މަދަޙައިގެ ބަސްވަޙީކުރައްވާފައިވާ މުއުމިނުންގެ ސިފައެއްވެސް މެއެވެ.