ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ދުބާއީގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވާފައިވަނީ ޔޫއޭއީގެ އަބޫދާބީ ފަންޑް ފޯ ޑިވޮލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ އެކު އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ޔޫއޭއީގެ އެހީއާ އެކު ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާއި ގުޅޭގޮތުންނާއި އިތުރު މަޝްރޫއުތަކެއް ފެށުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
އަބޫދާބީ ފަންޑުން ހަރަދުކޮށްގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ މުހިއްމު އެއް މަޝްރޫއަކީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތެވެ.
މިނިސްޓަރު ޝާހިދު ވަނީ މާފަރު އެއާޕޯޓުގެ ސަބަބުން އެ ސަރަހައްދަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާ އެކު އެ ސަރަހައްދަށް ލިބޭނެ އިތުރު ކުރިއެރުންތައް ވެސް މިނިސްޓަރު ޝާހިދު ވަނީ މިބައްދަލުވުމުގައި ހިއްސާ ކުރައްވާފަ އެވެ.
އަބޫދާބީ ފަންޑުން ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދު ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.
އަބޫދާބީ ފަންޑުގެ ޑިރެކްޓާ ޖެނަރަލް ވަނީ ރާއްޖެ އަކީ އަބަދުވެސް ގާތް އެކުވެރިޔަކަށް ވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.