ފިނޭންސް މިނިސްޓްރީ

މާލީ ޒިންމާދާރުވެރިން ދެން ކަނޑައަޅާނީ އިމްތިހާނަކަށް ފަހު

މާލީ ޒިންމާދާރުވެރިން ދެން އައްޔަން ކުރާނީ އިމްތިހާނެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މާލިއްޔަތާއި ގުޅުންހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން ދެވޭ އިމްތިހާނުތައް ދިނުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ވަނީ މިއަދު ނޫސްބަޔާނެއް އާންމުކޮށްފައެވެ.

އެ ބަޔާނުގައި ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތުގެ ތެރެއިން މާލީ ޒިންމާދާރުވެރިންގެ ޒިންމާ ހަވާލުކުރެވޭ މީހުންނަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެ ގަވާއިދުގެ ދަށުން ހެދޭ އުސޫލުތައް އަދި މާލީކަންކަން ކުރިއަށް ގެންދެވޭ ގޮތްތައް އެނގި އޮޅުންފިލާފައިވާ މީހުންނަށް ހެދުމުގެ މަސައްކަތައް ކުރަމުންދާ ކަަމަށެވެ.

އެގޮތުން މާލީ ޒިންމާދާރު ވެރިން އަންޔަން ކުރުމުގެ ކުރިން އެ މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އެ ނިންމުމާއެކު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަންކުރާ މީހަކީ އެ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ މީހަކަށްވުން ކޮންމެހެން ލާޒިމު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ އިދާރާތަކުގައި ތިބި މާލީ ޒިންމާދާރު ވެރިންނަށް އިމްތިހާނުތައް ފުރިހަމަ ކުރެވޭނެ ގޮތް ހެދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާގުޅޭ މައުލޫމާތު އޮފީސްތަކާ ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި މާލީ ޒިންމާދާރުވެރިންގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުންދާ މީހުން އޮގަސްޓު 22 ގެ ކުރިން އެ އިމްތިނާހު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވާކަން އޮފީސްތަކުން ކަށަވަރު ކުރުމަށްވެސް ވަނީ އަންގާފައެވެ.

މާލިއްޔަތުގެ ގަވާއިދުގެ ދަށުން މާލީ ކަންކަމާއި ބެހޭ މަގާމުތަކަށް އައްޔަންކުރާ މީހުންގެ ތެރެއިން އެ އިމްތިހާނު ފުރިހަމަ ކުރަންޖެހޭ މީހުން ކަނޑައަޅައި އެ ބަޔަކު އޮކްޓޫބަރު އެކެއްގެ ކުރިން އިމްތިހާނު ފުރިހަމަކުރާ ގޮތަށް މަސައްކަތް ރާއްވަމުން ގެންދާ ކަމަށްވެސް ބުންޏެވެ.

އަދި މާލީ ޒިންމާދާރުވެރިންގެ މަސްއޫލިއްޔަތުތަކަކީ ސިޔާސަތުތަކެއް ކަނޑައެޅުމަށްވުރެ އިދާރީ މަސައްކަތްތަކެއް ކަމުން ދައުލަތުގެ ސިޔާސީ މަގާމްތަކަށް އައްޔަން ކޮށްފައިވާ އެއްވެސް މީހަކު މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަން ނުކުރާނެ ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.