ދުނިޔެ

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމްގައި މިހާރު ހުންނެވި އެންޓޯނިއޯ ގުޓަރެސް 72، އަށް ފަސްއަހަރުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި އެވެ. ދެވަނަ ދައުރުގެ މުއްދަތަކީ ޖެނުއަރީ 1، 2022 އިން ޑިސެމްބަރު 31، 2026 އަށެވެ. އދ. ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ގުޓަރެސް އައްޔަންކުރެވުނީ ޖެނުއަރީ 1، 2017 ގައެވެ.

އދ. އަށް ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރަނީ އދ. ގެ ސެކިޔުރިޓީ ކައުންސިލުން ދޭ ލަފަޔާ އެއްގޮތަށް ޖެނެރަލް އެސެމްބްލީންނެވެ. ސެކިޔުރިޓީ ކައުންސިލުން ކުރިއާލައި، މިމަހު ކުރީކޮޅު ބުނި ގޮތުން އެކައުންސިލްގެ ފުރިހަމަ ތާއީދު ގުޓަރެސްއަށް އެބަ އޮތެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސް ވޮލްކަން ބޮޒްކީރް ވިދާޅުވީ މެމްބަރު ގައުމުތަކުން ގުޓަރެސްއަށް އޮތް ތާއީދު ފެނިވަޑައިގެން ހިތްހަމަޖެހި ވަޑައިގެންނެވި ކަމަށާއި މެމްބަރު ގައުމުތަކަށް ކަމުދާ ބޭފުޅަކު ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވުމަކީ މަސައްކަތްތައް ހަލުއިވާން ޖެހޭ ސަބަބަކަށް ވާންޖެހޭނެ ކަމަށެވެ.

އެންޓޯނިއޯ ގުޓަރެސް އަކީ ޕޯޗްގަލް ރަައްޔިތެވެ. އުފަންވެ ވަޑައިގަތީ އޭޕްރީލް 30، 1949 ގައެވެ. ސޯޝަލިސްޓް ޕާޓީގެ މެމްބަރެކެވެ. ދައުލަތުގެ ގިނަ މަގާމްތަކެއް އަދާކުރައްވާފައިވެ އެވެ. އޭނާ ވަނީ ޕޯޗްގަލްގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފަ އެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީން 2005 ގައި ޔޫއެން ހައިކޮމިޝަނާ ފޮ ރެފިއުޖީޒް (ޔޫއެންއެޗްސީއާރު) ހިންގެވުން ގުޓަރެސްއާ ހަވާލުކުރެއްވި އެވެ. އޭނާ މިހާރު ހުންނެވި މަގާމަށް އައްޔަންކުރެވުނީ އެއަށް ފަހު އެވެ.