އައިޖީއެމްއެޗް އިން އެމްއާރުއައި ސްކޭން އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފި އެވެ. އެޕޮއިންޓްމަންޓް ދޫކުރަން ފަށާފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެންނެވެ.
"އަވަސް" އަށް މައުލޫމާތުދެއްވަމުން އައޖީއެމްއެޗުގެ ޑިރެކްޓަރު މުހައްމަދު މައުސޫމް ވިދާޅުވީ، މިއަދު ހެނދުނު 8:00 އިން ފެށިގެން އެމްއާރުއައި ސްކޭން އެޕޮއިންޓްމަންޓް އެ ހޮސްޕިޓަލުން ދޫކުރަން ފަށާފައިވާ ކަމަށެވެ. އެޕޮއިންޓްމަންޓް ދޫކުރާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 1:00 އަށް ކަމަށް މައުސޫމް ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވި ގޮތުގައި ދުވާލެއްގެ މައްޗަށް އެމްއާރްއައި ސެންޓަރުން ހަދަން ނިންމާފައިވަނީ 10-15 ސްކޭން އެވެ. އެހެން ނަމަވެސް އެޕޮއިންޓްމަންޓަށް ނަން ނޯޓު ކުރާ ވަރަކުން ވެއިޓިން ލިސްޓުގައި ތަރުތީބުކުރެވޭނެ ކަމަށާއި، ސްކޭން ފުރުސަތު ދޭން ހަމަޖެހިފައިވަނީ އެހެން އެޕޮއިންޓްމަންޓް ތަކަށް ވެސް އަމަލު ކުރާ އުސޫލުން، ނަން ނޯޓު ކުރާ ތަރުތީބުންނެވެ.
އެމްއާރުއައި ސްކޭން އެޕޮއިންޓްމަންޓަށް ނަން ނޯޓު ކުރެވޭނީ ރޭޑިއޮލޮޖިސްޓަކަށް ދެއްކުމަށްފަހު ލިބޭ ޗިޓު މެއިން ކައުންޓަރަށް ދެއްކުމުންނެވެ.
"ދުވާލެއްގެ މައްޗަށް ނެގޭނީ ކިހާ ސްކޭނެއްކަން ބުނަން އެނގޭނީ ރޭޑިއޮލޮޖިސްޓް ސްކޭން ރެފާ ކުރާ ގޮތަކުން. ބައެއް ސްކޭން ތަކަށް 40 މިނިޓް ވެސް ހޭދަ ވެދާނެ. އަނެއްބައި ސްކޭންތަކަށް 30 ނޫނީ އެއަށްވުރެ މަދުން. އެހެންވީމަ ނަންނޯޓު ކުރާ ބޭފުޅުންގެ ސްކޭން ވަގުތު ޖެހުނީމަ ހޮސްޕިޓަލުން ރިމައިންޑާ ދޭނެ،" ތަސްލީމް ވިދާޅުވި އެވެ.
އެޕޮއިންޓްމަންޓް ދޫކުރަން ފެށި ނަމަވެސް މެޝިން ޓެސްޓުކުރުން މިހާރު ކުރިއަށްދާތީ، ސްކޭން ނަގަން ފެށޭ ވަރުވާނީ އަންނަ ހަފުތާގެ ތެރޭގައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗްގައި އެމްއާރުއައި މެޝިނެއް ބަހައްޓައި ސެންޓަރު ރަސްމީކޮށް އިފްތިތާހު ކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ހިދުމަތް ފަށަން ލަސްކުރީ، ބައެއް ކަހަލަ އިދާރީ އަދި ފަންނީ ތަމްރީނުތައް މުވައްޒަފުންނަށް ދީ، މެޝިން ޓެސްޓްކޮށް ހިދުމަތަށް ތައްޔާރުވުމުގެ ގޮތުން ކަމަށް މައުސޫމް ވިދާޅުވި އެވެ.
އެމްއާރުއައިގެ ހިދުމަތް އައިޖީއެމްއެޗުގައި ފަށުމަށް އެ ހޮސްޕިޓަކުގެ ފަސް ޓެކްނީޝަނަކަށް ވަނީ ހާއްސަ ތަމްރީން ތަކެއް ދީފަ އެވެ. ރޭޑިއޮލޮޖިސްޓުންގެ ގޮތުގައި މިވަގުތު އެ ހޮސްޕިޓަލުގައި ތިބީ ދެ ޑޮކްޓަރުންނެވެ.