ދިވެހި މީޑިއާ

އެޑިޓާސް ގިލްޑަށް މެންބަރުން އިންތިހާބު ކޮށްފި

މީޑިއާ އެޑިޓަރުން ހިމެނޭ "އެޑިޓާސް ގިލްޑް" ގެ މެންބަރުން އިންތިހާބު ކޮށްފި އެވެ.

"އެޑިޓާސް ގިލްޑް" ގެ ފުރަތަމަ އިންތިހާބުގައި ރައީސަކަށް އިންތިހާބު ކޮށްފައިވަނީ އަހުމަދު ޒާހިރު (ހިރިގާ) އެވެ. އޭނާއަކީ ހަވީރު ނޫހާއި ސަން މީޑިއާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

މިއަދުގެ އިންތިހާބުގައި "އެޑިޓާސް ގިލްޑް" ގެ ދެ ނާއިބު ރައީސުންގެ ގޮތުގައި އިންތިހާބު ކޮށްފައިވަނީ ވަންގެ ސީއީއޯ ސިނާން އަލީ އާއި ދަ ޕްރެސްގެ އެޑިޓަރު އަލީ ޝައްމާނެވެ. ސެކްރެޓަރީ ޖެނެރަލަކީ މިހާރުގެ އެޑިޓަރު އިސްމާއީލް ނަސީރެވެ. ޓްރެޝަރާއަކީ "ރަސް" ގެ އެޑިޓަރު މިދުހަތު އާދަމް އެވެ.

މީގެ އިތުރުން ރިޓަޔާޑް ނޫސްވެރިންގެ ގޮތުގައި ދެ ބޭފުޅަކު "އެޑިޓާސް ގިލްޑް" އަށް އިންތިހާބު ކުރިއެވެ. އެއީ ބްރޯޑްކާސްޓިން ދާއިރާގެ ވަރަށް ފާހަގަކޮށްލެވޭ ދެ ބޭފުޅުން ކަމަށްވާ މުހައްމަދު އާސިފް (މޮންދު) އާއި އިބްރާހިމް އުމަރު މަނިކެވެ.

މިއީ ތިން އަހަރުގެ މުއްދަތަކަށް އިންތިހާބު ކުރާ މަގާމުތަކެކެވެ.